ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ބ. ކުޑަރިކިލުގައި އައިސް ޕްލާންޓެއް ގާއިމްކޮށް ހިދުމަތްދޭން ފެށޭނެ ކަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، ރައީސުލްޖުމަހޫރިއްޔާ ބ. ކުޑަރިކިލުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބ. ކުޑަރިކިލުގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލްކުރެވިފައިވަނީ ކޮން ތާރީހެއްގައިތޯ މައުރޫފް ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރު އައި އިރު އައިސް ލިބުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ. އެގޮތުން، މިފްކޯގެ ދަށުން ހިންގަމުންދިޔަ އައިސް ޕްލާންޓްތައް މިދިޔަ ސަރުކާރުން ފެނަކައަށް ބަދަލު ކުރުން ވެގެންދިޔައީ ވަރަށް ބޮޑު މުސީބާތަކަށް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އައިސް ޕްލާންޓްތައް ފުރިހަމައަށް އޮޕަރޭޓްކުރަން އެނގޭނީ މިފްކޯއަށެވެ. ނަމަވެސް އެތަންތަން ފެނަކައާ ހަވާލުކުރުމުން ދިމާވި ތަކިތަކުގެ ސަބަބުން، އެދައުރު ނިމުނުއިރުގައި 22 އައިސް ޕްލާންޓްގެ ތެރެއިން ދެބައިކޮޅު އެއްބައި ބޭނުން ނުކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ކުޑަރިކިލުގައި އައިސް ޕްލާންޓެއް ގާއިމްކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މަސައްކަތް ފަށާނެ ކަމަށް ކޮންޓްރެކްޓާ ޔަގީންކަން އެބަ ދެއްވާ ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި އެރަށަށް މޮބަލައިޒްވެ މަސައްކަތް ފައްޓަވާނެ ކަމަށް

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިންނަށް އައިސް ނުލިބުމުގެ މައްސަލައަކީ، ވަކިން ހާއްސަކޮށް މޫސުމީ މަސްވެރިކަމެއްގައި އައިސްއަށް ޖެހޭ ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރަށް މަސްގަނެ ރައްކާ ކުރެވޭނެ ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ވެސް ވަރަށް ބޮޑު ކަމުގައި ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އޭގެ ސަބަބުން ބޭރުގެ ބާޒާރު ތަކުގައި މަހަށް ހަމަ އަގު ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނެތުމަކީ ވެސް ގޮންޖެހުމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި މައިގަނޑު 3 ގޮންޖެހުމަށް ޖުމްލަ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށާއި، ސަރުކާރުން އެ މެނިފެސްޓޯ ތަންފީޒުކުރަމުންދާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގައި 74 އައިސް ޕްލާންޓް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން 27 އައިސް ޕްލާންޓެއް ހިނގަނީ މިފްކޯއިން ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.