2021 ވަނަ އަހަރު އަމަލުކުރަން ފެށި ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައިފިއެވެ.
ރައީސްގެ އޮފީހުން ބުނީ އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ، މިއަދުން ފެށިގެން 28 ޖުލައި ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް އެ އޮފީހުން ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ ކަަމަށާއި، ރައީސްގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެ މަގާމުގައި މިހާރު ހުންނެވީ، ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ އައިޝަތު ހަސަން އެވެ. އައިޝަތު ވަނީ އިކޮނޮމެޓްރިކްސް އިން މާސްޓާސް އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް އިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.