މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުހާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ.

މިފްކޯ އިން ބުނީ މިއަދު ހަވީރު ކަނޑުއޮތްގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހިކިމަސް ކާރުހާނާއާއި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް އާއި، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތް ކަމަށްވެސް ބުނެ އެވެ.

އެ ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން، މިއީ މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން ނުވަތަ ގައުމީ ބާޒާރަށް ހާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރައްވާ މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވީ، މާލެއާ ކައިރިން މިފަދަ ހިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތައް. އެ ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމަކީ ވަރަށް ގިނައިން އަންނަ ޝަކުވާއެއް. ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން، މިދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ."

މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް

އަނަސް އިތުރަށް ވިދާޅުވީ، މި ކުރިއެރުމާއެކު، ކޫއްޑޫން އުފައްދާ ތަކެތި ދެކުނުގެ އަތޮޅުތަަކަށް ހާއްސަކުރެވި، މާލެ ސަރަހައްދުގެ ބާޒާރަށް އަމާޒުކޮށްގެން ކަނޑުއޮތްގިރިން ތަކެތި އުފެއްދޭނެ ކަމަށެވެ. އަދި ކަނޑުއޮތްގިރި ހިކިމަސް ކާރުހާނާގެ ސަބަބުން މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން އިތުރުކުރެވި، ރައްޔިތުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ވެސް ބާރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާއަކީ ދުވާލަކަށް 3 ޓަނު ޕްރޮސެސްކުރެވޭ ކާރުޚާނާއެކެވެ. އަދި ކަނޑުއޮތްގިރީގައި މިއަދު ހުޅުވި އައިސް ޕްލާންޓުން ދުވާލަކަށް 25 ޓަނު އައިސް އުފެއްދެއެވެ.

ކަނޑުއޮތްގިރީގައި މިއަދު ހުޅުވި ހިކިމަސް ކާރުހާނާގައި މިއަދުން ފެށިގެން ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް މި ކާރުހާނާގައި ތައްޔާރުކުރަން ފަށާނެ ކަމަށް މިފްކޯއިން ބުނެފައިވެ އެވ.

މިފްކޯ އިން ބުނީ މަސް ކައްކައި ހިއްކުމުގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކޮށްފައިވާ އެ ކާރުހާނާ ހުޅުވީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގައި، މިފްކޯގެ އެހެން އުފެއްދުންތަކެކޭ އެއްގޮތަށް ކޮލިޓީ ހިފެހެއްޓުމުގެ ހަރުދަނާ ފިޔަވަޅުތަކަކާ އެކުގައި ކަމަށެވެ. އެއީ މިފްކޯގެ އޮޕަރޭޝަންތައް ޒަމާނީކުރުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް މިފްކޯ އިން ބުނެ އެވެ.

ދައުލަތުގެ ބޭނުމަކަށް އެމްއެންޑީއެފުގެ ބެލެހެއްޓުމުގެ ދަށަށް ގެންދިއުމަށްފަހު ކަނޑުއޮތްގިރި އަނބުރާ މިފްކޯއާ ހަވާލުކުރެވި އަލުން އޮޕަރޭޝަނަށް ގެނެވުނީ މިއަހަރުގެ ކުރީކޮޅުގައެވެ. މިއަދު ހުޅުވި ހިކިމަސް ކާރުހާނާގެ އިތުރަށް ކަނޑުއޮތްގިރީގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ނިމުމުން، މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ވެސް ކަނޑުއޮތްގިރި ވެގެންދާނެއެވެ.