ފުލުހުންނަށް ތަމްރީނުގެ އާ ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުން ސައުދީ ސަފީރު، ޔަހްޔާ އަލްގަހްތާނީއާ އެކު މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާ ކުރިއަށްދިޔައީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުދީ ސަފީރާއެކެ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވި މި ބައްދަލުވުމަކީ ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް ފުލުހުން ބުނެ އެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވަނީ ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ތަމްރީނުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ.
އެގޮތުން ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަހުގީގުގެ ދާއިރާ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ އާ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.