ރައީސް އޮފީހުން ކުރިއަށްގެންދަން ނިންމާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމަށްޓަކައި ފަށާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލަނީ، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ދާއިރާތަކުން، "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރާނީ، ރައީސް އޮފީހުގެ ވެބްސައިޓްގައި މިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުވެސް، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނާނެ ކަމަށާއި، ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ، 15 ޖުލައި ވާ ބުދަ ދުވަހުގެ ރޭ 00:00 ކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.

ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސް ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގުސަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިއުލާންކުރައްވާފައެވެ.