ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގުތައް ތަރައްގީ ކުރުމަށް ނިންމަވާފައިވާ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގުތައް އަދި ވިލިމާލޭގެ ހުރިހާ މަގުތައް ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންނަމަވެސް ހިލޭ އެހީގައި ހިންގާ މަޝްރޫއުތަކުގެ އިމްޕްލިމެންޓޭޝަނާ ހަމައަށް ދެވޭނީ ވަރަށް ގިނަ މަރުހަލާތަކެއް ކުރިއަށް ގެންގޮސްގެން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ޗައިނާ ސަރުކާރާ އެކުގައި ކުރެވުނު މަސައްކަތުގެ ތެރެއިން، މިހާރު 2 ބަޔަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ، ފުރަތަމަ ބަޔަކީ މާލޭގެ މަޖީދީ މަގާއި، ކަނބާއައިސާ ރަނި ހިނގުން ހިމެނޭ ގޮތަށް ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ މަގުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފެށިގެން ދިއުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މި މަސައްކަތުގެ 2 ވަނަ ބަޔަކީ، ބާކީ ހުރި ހުރިހާ މަގުތައް ސާވޭކޮށް ރަނގަޅަށް ޑިޒައިން ކުރުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ޗައިނާގެ ޓީމުން ވަގުތުން ކޮންސްޓްރަކްޝަނާ ހަމައަށް ދިއުމަށް މަސައްކަތް ކުރެވެން ނެތް ކަމަށް ނިންމާފައިވަ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.