ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އިރު، އައްޑޫގެ މަގުތަކުގެ ފެންހޮޅީގެ މައްސަލަ ހައްލުކުރަން އެދިފައިވާނެ ކަމަށާއި، އެ މައްސަލަ ހައްލުނުކޮށް ތާރު އެޅީ މި ސަރުކާރުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވެއްްޖެއެވެ.
މެންބަރު ޞާދިގު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު އާ ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބަށް ރައްދުދެއްވާ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސޯބެ ވަނީ އައްޑޫ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދެނީ ފެނަކައިގެ ފެން ޕްލާންޓުން ކަމަށާއި، ފެން ޕްލާންޓަށް މައްސަލަޖެހި ސާފު ބޯފެން ގަވާއިދުން ނުލިބޭ މައްސަލަ ދިމާވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ހައްލުވެ ފެން ގަވާއިދުން ލިބެން ފަށާނީ ކޮންއިރަކުތޯ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ ފެނަކައާ ގުޅިގެން ކޮށްފައިވާ ފެނުގެ މަސައްކަތަކީ މެންބަރު ޞާދިގު ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެކަމުގެ ކޮންމެވެސް ވަރެއްގެ ޒިންމާއެއް ޞާދިގު ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މިހާރު އަނެއްކާވެސް ޖެހެނީ ވަކިން ހޮޅި އަޅަން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް ފެނުގެ ނިޒާމުގެ މައްސަލަތައް ހައްލު ކުރުމަށް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިކަމަށް އިޝާރާތްކުރައްވާ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޞާދިގު ވިދާޅުވީ، ސަރުކާރުގެ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އިރު، އައްޑޫގެ މަގުތައް ފެނަކައިން ހެދިއިރު ހިތަދޫ ބޮޑުމަގު ތާރު އެޅުމުގެ ކުރިން ފެންހޮޅީގެ މައްސަލަ ހައްލުކުރަން އެދިފައިވާނެ ކަމަށެވެ. އެގޮތުން އެ މައްސަލަ ހައްލުކުރަން ކިތަންމެ ފަހަރަކު އެދިފައިވާނެ ކަމަށާއި، އެ ކަން މިނިސްޓްރީގެ ރިކޯޑުތަކުން ފެންނަން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ މައްސަލަ ހައްލުނުކޮށް 2023 ވަނަ އަހަރު މަގުގައި ތާރު އެޅީ މި ސަރުކާރުން ކަމަށް ޞާދިގު ވިދާޅުވިއެވެ. އަދި އައު ފެން ހޮޅިއެއް ނޭޅި ނަމަވެސް އެ މައްސަލަ ހައްލު ވާނެ ކަމަށް ފެނަކައިން އޭރު ބުނިކަމަށް ޞާދިގު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޞާދިގު ވަނީ އެ މަގު ތާރު އެޅީ 2023 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު މި ސަރުކާރުގައި މިނިސްޓަރު މުއްޠަލިބުގެ ބެލުމުގެދަށުންކަން ހަނދުމަފުޅު ނެތްތޯ ސުވާލު އުފައްދަވާފައެވެ.
ޞާދިގު ޕޯސްޓު ނިންމަވާލައްވަމުން ވަނީ އައްޑޫގެ ރައްޔިތުން އެދެނީ ވީހާވެސް އަވަހަށް ފެނުގެ މައްސަލައަށް ހައްލެއް ލިބުން ކަމަށް ވިދާޅުވެފައެވެ.