މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން އެކުގައި މަސައްކަތްކުރަން މަޝްވަރާކޮށްފި އެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ބީއެމްއެލްގައި ބޭއްވި ބައްދަލުވުމެއްގައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއާއި، ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެމްޓީސީސީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު، ހުސައިން ނައުފަލް ނާސިރު އަދި ބީއެމްއެލްގެ ޗީފް ޕްރޮޕަޓީޒް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ހަސަން ޝާމް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި އެމްޓީސީސީ އާއި ބީއެމްއެލްއާ ދެމެދު ގުޅުން ބަދަހިކޮށް، މަސައްކަތް ކުރެވިދާނޭ ތަފާތު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އަދި ބީއެމްއެލްގެ ފަރާތުން އެމްޓީސީސީއަށް ފޯރުކޮށްދެވޭނޭ ތަފާތު މާލީ އެހީތެރިކަމާއި، ފައިނޭންސް ކުރުމުގެ ފުރުސަތުތަކުގެ މައުލޫމާތާއި އެމްޓީސީސީގެ މުވައްޒަފުންނަށް ފޯރުކޮށްދެވޭނޭ ހައުސިން ސްކީމްތަކާއި ފައިނޭންސިން ސްކީމްތަކާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

އެމްޓީސީސީގެގެ އެންމެ ބޮޑު ރައުސުލްމާލަކީ ރެއާއީ ދުވާލު ހީވާގިކަމާއެކު މަސައްކަތްކުރަމުން އަންނަ އެމްޓީސީސީގެ މުވައްޒަފުން ކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، ކުންފުނީގެ ހިދުމަތްތެރި މުވައްޒަފުންނަށް ތަފާތު އިނާޔަތްތައް ލިބޭނޭ މަގު ފަހިކޮށްދިނުމަކީ ކުންފުނިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

ހަމަމިއާއެކު، އެ ކުންފުނީގެ އަމާޒަކީ ހިކުމަތްތެރިކަމާ އެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންގޮސް، ކަސްޓަމަރުންނާއި، ހިއްސަދާރުނާއި، ވިޔަފަރީގެ ބައިވެރިންނާއި، އާއްމު ރައްޔިތުން، ވޭތުވެދިޔަ 45 އަހަރު ދެގޮތެއްނުވެ އެ ކުންފުންޏަށް ކުރަމުން ދިޔަ އިތުބާރު ދެމެހެއްޓުން ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.