އިންފޮމޭޝަން ކޮމިޝަރުގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަަޅަމުންދާ ކަމަށް ކަނޑައަޅައި، ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާކޮށްފިއެވެ.

މި ނިންމުން ނިންމާފައި ވަނީ ރާއްޖެ ޓީވީން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަކަށް ރައީސް އޮފީހުން ޖަވާބު ދީފައިނުވާތީ މިއަދު ބޭއްވި އަޑުއެހުމުގައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި މައުލޫމާތު ނުދިނުމުން ދެން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދިން ފުރުސަތުގައި ވެސް އެ މައުލޫމާތު ދީފައިނުވާ ކަމަށެވެ.

"އެ އެންގުމަށް އެ އިދާރާއިން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ނުވުމަކީ، ގާނޫނުގައި މި ކަނޑައަޅާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން ގޮތުގައި ބެލެވޭނެ އަމަލަކަށްވާތީވެ އަޅުގަނޑު މި ގަސްދުކުރަނީ ޖޫރިމަނާކުރުމަށް."

އިންފޮމޭޝަން ކޮމިޝަނަރު އާހިދު

މިގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސްއަޅާފައިވާތީ، ރައީސް އޮފީސް 2،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޖަވާބު ނުދީ ހުރި ހުރިހާ އާރްޓީއައިތަކަށް ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ވެސް އައިކޮމް އިން ވަނީ އަމުރުނެރެފައެވެ. އަދި އެ މުއްދަތުގައި ޖަވާބު ނުދީފިނަމަ، މައްސަލަ ކޯޓަށް ހުށަހަޅައި ދައުވާ ކުރާނެކަމުގެ އިންޒާރުވެސް އައިކޮމްއިން ވަނީ ދީފައެވެ.

އައިކޮމް އިން ރައީސް އޮފީސް ޖޫރިމަނާކޮށްފައި ވާއިރު، އާރުޓީއައިއަކާ ނުލައި ވެސް ސަރުކާރުގެ އިދާރާތަކާއި ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަންޖެހޭ ގިނަ މައުލޫމާތުތަކެއް މިދިޔަ މަހު ވަނީ ހާމަކޮށްފައެވެ. އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުންނާއި ރައީސް އޮފީހުން އެ މައުލޫމާތުތައް އާންމުކުރި ފުރަތަމަ ފަހަރެވެ.