އިންޑިއާގެ އެފްޓީއޭއާއެކު ރާއްޖޭގެ ކަނޑުގެ ސިނާއަތަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ވިއޯން ނޫސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔުޝް ގޯޔަލްއާއެކު ނިއުދިއްލީގައި ބޭއްވެވި މަޝްވަރާތަކަކީ ވަރަށް ކާމިޔާބު އަދި އުފެއްދުންތެރި މަޝްވަރާތަކެއް ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައިވާ އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި، ބީއައިޓީގެ މަޝްވަރާތައް މިހާރު ނިމިފައިވާއިރު، އެފްޓީއޭގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ މަސްވެރިކަމާއި، ކަނޑުގެ އުފެއްދުންތަކާއި، ޑިޖިޓަލް ހިދުމަތްތަކުގެ އިތުރުން އުފެއްދުންތެރި ސިނާއަތްތަކަށް އިންޑިއާގެ ބޮޑު މާކެޓުން ހާއްސަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއަށް އިންޑިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބީއައިޓީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ އިންވެސްޓްމަންޓުތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އުފެދި، ޓެކްނޮލޮޖީ ބަދަލުކުރުމަށް މަގުފަހިވެ، ހުނަރު ތަރައްގީވެ، އައު އީޖާދުތަކަށް އެހީތެރިވެދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިއީ ސިންދަފާތު ކުރެވިފައިވާ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފުޅާ ލަނޑުދަނޑިއަށް ލިބޭ ބޮޑު އެހީއެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއަށްވެސް ފައިދާކުރާނެކަމަށެވެ. އަދި ފެންނަން ހުރި ދެމެހެއްޓެނިވި ފައިދާތަކާއެކު ދުނިޔޭގެ ފެންވަރުގައި ވާދަވެރި އިގްތިސާދެއް ބިނާކުރުމުގެ ދުރު ރާސްތާގެ ތަސައްވުރަށް މި އެއްބަސްވުންތަކުގެ ސަބަބުން އެހީތެރިކަން ލިބި، ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.