ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ޑޮލަރު ގަތުމަށް ހުޅުވާލި ފުރުސަތަށް ރައްޔިތުންގެ ތާއީދެއްނެތް ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވީ، ރޭ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

އީވާ ވިދާޅުވީ، އެމްއެމްއޭ އިން ޑޮލަރު ނެގުމަށް 15.42 ގެ ރޭޓު އިން އިރު، ބީއެމްއެލްއިން ޔޫއެސް ޑޮލަރ އިންވެސްޓްމަންޓް އޮޕްޗިއުނިޓިީ ގެ ނަމުގައި 19 ރުފިޔާއަށް ޑޮލަރު ގަތުމަށް ހުޅުވާލި ފުރުސަތަށް ފެނިގެން ދިޔައީ ރައްޔިތުންގެ ތަރުހީބުގެ ބަދަލުގައި ސުވާލު އުފެދިގެން ދިޔަ މަންޒަރު ކަމަށެވެ.

ރައްޔިތުންގެ މެދުގައި ސުވާލު އުފެދިގެން ދިޔަ ސަބަބު ތަފްސީލުކޮށް ދެއްވަމުން އީވާ ވިދާޅުވީ، މޭ މަހުގެ ތެރޭގައި ބީއެމްއެލްގެ އެއްވެސް ކާޑަކުން އެއްވެސް ވިޔަފާރި އަކަށް އެއް މަސް ދުވަސް ވަންދެން އެއްވެސް ވަގުތެއްގައި ޑޮލަރު ނުކެނޑޭ ކަމަށެވެ. އެހެން ނަމަވެސް ޖޫން މަހު ބީއެމްއެލް އިން މި ފުރުސަތު ހުޅުވާލައި އިއުލާނު ކުރިއިރު އެ ދެހާލަތު އެއްވެސް ވަރަކަށް ދިމާނުވާ ކަމަށެވެ.

އެގޮތުން ތިންކަމަކަށް ރައްޔިތުންގެ ހިތުގައި މިކަމާ މެދު ސުވާލު އުފެދޭކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، އެއްކަމަކަށް ސުވާލު އުފެދެނީ އިންވެސްޓްމަންޓް ޕްރޮޑަކްޓެއް ބީއެމްއެލް އިން ނުދެއްކުމާ ދެވަނަ ކަމަކަށް ބީއެމްއެލްގައި ޑޮލަރު ނެތްކަން ރައްޔިތުންނަށް އެނގުމުގެ އިތުރުން، ބީއެމްއެލްގައި ހުރި ޑޮލަރުތައް ދިޔައީ ސަރުކާރަށް ކަން ރައްޔިތުންނަށް އިނގޭތީ ކަމަށެވެ.

" ދައުލަތަށް ކަން އެ ޑޮލަރު ދިޔައީ އެންމެނަށް ވެސް އިނގޭ. ދެން ހަމަ އެބަ އިނގޭ ދެންވެސް ތިމަންނާމެން ޑޮލަރު ދީފިއްޔާ އަނެއްކާ ވެސް އެ ފައިސާ ދާން އޮތީ ހަމަ ސަރުކާރަށް ކަން. ދައުލަތަށް ކަން، އިތުރު ބާކީ އޮތް ދަރަނި ދައްކަން ކަން"

އީވާ އަބްދުﷲ

އީވާ ވިދާޅުވީ، ބީއެމްއެލް އިން ހުޅުވާލާފައި އެވާ ފުރުސަކީ މީހަކަށް ފައިދާ ވާނެ ގޮތަކަށް ހުޅުވާލާފައިވާ ފުރުސަތެއް ނޫން ކަމަށެވެ.

" ދެން ޑޮލަރު ބެންކަށް ވިއްކަން ދާ މީހާ އަށް އޮތް ސުވާލަކީ ތިމަންނަ ޑޮލަރު މާރު ކުރާނީ މަގުމަތީގަ ކަޅު ބާޒާރުގަ 21 އަށް ތޯ ނުވަތަ ބީއެމްއެލްގަ އެ ހިންގާ ކަޅުބާޒާރުގެ 19 އަށްތޯ."

އީވާ އަބްދުﷲ

އީވާ ވިދާޅުވީ، ބީއެމްއެލްގެ އެ ފުރުސަތަށް ކަޅުބާޒާރެކޭ ނުކިޔޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ބީއެމްއެލްގެ އެފުރުސަތަށް ހުރި ކަންބޮޑުވުން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ، މި ފުރުސަތާ ގުޅިގެން އެމްއެމްއޭގެ ބަހެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެގޮތުން އީވާ ވަނީ ބީއެމްއެލްގެ އެ ފުރުސަތު ހުޅުވާލާފައިވަނީ އެމްއެމްއޭއަށް ނޭންގިތޯ ސުވާލު އުފައްދަވާފައެވެ.

" އެމްއެމްއަކަށް ނޭނގި ބެންކަކުން މި ވަރު ކަމެއް ނުކުރެވޭނެ. ނޭނގި ކޮށްފަ އޮތިއްޔާ އެއީ މާ ކަންބޮޑުވާ ކަމެއްއެއީ. ދެވަނަ ކަމަކީ ބީއެމްއެލްއިން ކީއްވެގެން ހޭ ބަހެއް ނުބުނީ؟ އެމްއެމްއޭ އަށް ކަނޑައެޅިގެން އިނގޭ ބެންކަށް ލިބޭ ހުރިހާ ޑޮލަރެއް ސަރުކާރަށް ނެގޭނެ ކަން. އިއްލި ވެސް ކުރިން ފާހަގަ ކުރެއްވިހެން، އެމްއެމްއޭ އަކީ ރެފްރީ. ގައުމުގެ ފައިސާ، ފައިނެންޝިއަލް ސްޓެބިލިޓީ، ހިފެހެއްޓުން ކަރަންސީ ޕްރޮޓެކްޓު ކުރުން، ހުރިހާ ބެންކުތަކެއް ރެގިއުލޭޓު ކުރުން. މިނިވަން މުސްތަގިއްލު ގޮތެއްގަ އެކަން ކުރުން އެއީ އެމްއެމްއޭގެ ގާނޫނީ ޒިންމާއެއް އެ ރެފްރީކަން ކުރުން."

އީވާ އަބްދުﷲ

މީގެ އިތުރުން އީވާ ވިދާޅުވީ، އެމްއެމްއޭގޭ އެފަދަ ބޮޑު ޒިންމާއެއް އޮތް އިރު ބަހެއް ނުބުނުން އެއީ ރައްޔިތުންވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ޑޮލަރު މައްސަލާގައި ހުރިހާ ފެއިލިއާއެއް ހުއްޓެނީ އެމްއެމްއޭ އާ ހިސާބުން ކަމަށް އީވާ ވިދާޅުވިއެވެ.