މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ފުލުހުންނާ ގުޅިގެން ކ. ހިންމަފުށީގައި ހުންނަ "އައްސޭރި ޖަލު" ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިއަދު ފެށި މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އަދި ފުލުހުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންނާ ގުޅިގެން ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ކަރެކްޝަނުން ދަނީ ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގަމުންނެވެ.
މީގެކުރިންވެސް ކަރެކްޝަންސްއިން ވަނީ، ފުލުހުންނާއި ގުޅިގެން މާފުށީ ޖަލު އަދި ހުޅުމާލެ ޖަލުގައިވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ.
ޖަލުތަކުގެ ބެލެހެއްޓުންތެރިކަމާއި، ހަރުދަނާ ކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޖަލަށް ވައްދާ ތަކެތި ސްކޭން ކުރެވޭނެ ޒަމާނީ ނިޒާމުވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.
މިގޮތުން މިދިޔަ މަހުގެ 15ވަނަ ދުވަހު ވަނީ މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ ޤާއިމުކޮށް، ތަކެތި ސްކޭން ކުރެވޭނެ ގޮތް ހަދާފައެވެ.
އަދި މި އަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން، ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުވެސް ބަހައްޓާފައެވެ.
ޖަލުތަކުގައި ތިބޭ ގައިދީން ޖަލަށް މަނާތަކެތި ވެއްދުމާއި، އެކިއެކި ބޮޑެތި ސްކޭމްތައް ހިންގުމުގައި ހަރަކާތްތެރިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.