ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޞާދިގު (ސޯބެ) އައްޑޫ ބަހުރުވައިން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރެއްވުމުން، އެ ސުވާލަށް މިނިސްޓަރު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސޯބެ ވަނީ އައްޑޫ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދެނީ ފެނަކައިގެ ފެން ޕްލާންޓުން ކަމަށާއި ފެން ޕްލާންޓަށް މައްސަލަޖެހި ސާފު ބޯފެން ގަވާއިދުން ނުލިބޭ މައްސަލަ ދިމާވާ ކަމަށް ވިދާޅުވެ އެ މައްސަލަ ހައްލުވެ ފެން ގަވާއިދުން ލިބެން ފަށާނީ ކޮންއިރަކުތޯ ސުވާލުކުރައްވާފައެވެ.
މީގެ އިތުރުން ސޯބެ ވަނީ ހިތަދޫ ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ހުއްޓިފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މަސައްކަތް އަލުން ފަށައި، ނިމޭނީ ކޮންއިރަކުތޯ ވެސް މިނިސްޓަރު މުއްޠަލިބާއި ސުވާލުކުރައްވާފައެވެ.
އެގޮތުން އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ އެ ސުވާލުގެ ޖަވާބު ދެއްވަންވީ ހުވަދޫ ބަހުރުވައިންތޯ ވިދާޅުވެ، ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފައެވެ. މިނިސްޓަރު މުއްޠަލިބު ވިދާޅުވީ ފެނަކައާ ގުޅިގެން ކޮށްފައިވާ ފެނުގެ މަސައްކަތަކީ ޞާދިގު ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
މިގޮތުން އެކަމުގެ ކޮންމެވެސް ވަރެއްގެ ޒިންމާއެއް ޞާދިގު ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އަނެއްކާވެސް ޖެހެނީ ވަކިން ހޮޅި އަޅަން ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް ފެނުގެ ނިޒާމުގެ މައްސަލަތައް ހައްލު ކުރުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.