ދެ އަހަރާ ބައިގެ ތެރޭ ބޭރުން ޑޮލަރު އެތެރެ ނުކުރާކަމަށާއި އެތެރޭގައި ހުރި ޑޮލަރުތައް އިސްރާފު ކުރީ މި ސަރުކާރުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިފަދައިން ވިދާޅުވީ ރޭ، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

އަމީރު ވިދާޅުވީ، ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ރާއްޖޭގެ މަސް އެކްސްޕޯޓު ކުރުމުގެ މިންވަރު މިދިޔަ ފަސް އަހަރާ އަޅާ ބަލާ އިރު މީގެން އަހަރަކު ދަށަށް ނުދާ މިންވަރަށް މަސް އެކްސްޕޯޓު ކުރުން ދަށަށް ގޮސްފައިވާ ކަމަށާއި، އޭގެ އިތުރުން އެހެން އެއްވެސް ސިނާއަތެއް ރާއްޖޭގައި ކުރިއަރާފައި ނެތް ކަމަށެވެ.

އަމީރު ވިދާޅުވީ، ސަރުކާރުން 2026 ވަނަ އަހަރަށް އަންދާޒާ ކުރި ބަޖެޓުގައި ހިމަނާފައި އޮތީ ގާތްގަނޑަކަށް 5.4 އިންސައްތައިން ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު މެދު އިރުމަތީގެ ހަނގުރާމައާއި، ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވުމުގެ ސަބަބުން ފެނިގެން ދަނީ ރާއްޖޭގެ އިގްތިސާދު، ގައުމީ އުފެއްދުންތެރިކަން އިތުރުވެގެން ދާނީ ގާތްގަނޑަކަށް 0.7 އިންސައްތައިގަ ކަމަށް އަމީރު ވިދާޅުވިއެވެ.

އެއާއެކު ރާއްޖެ އަށް ޑޮލަރު ވަނުން ބޮޑުތަނުން ދަށަށްދާނެ ކަން ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ، އެ ކަންކަމާ އެކު ވެސް މި ސަރުކާރުން އިގްތިސާދީ ރަނގަޅު ސިޔާސަތުތަކެއް ގެންނަ ތަނެއް ނުފެންނަ ކަމަށާއި، ސަރުކާރުގެ އިސްރާފު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުން ކަމަށެވެ.

އަމީރު ވިދާޅުވީ، މިދިޔަ 2 އަހަރާ ބައިގެ ތެރޭގައި ރާއްޖެ އިން ބޭރުން އެއްވެސް ޑޮލަރެއް މި ސަރުކާރަށް ގެނވިފައިނުވާ ކަމަށާއި، ސަރުކާރުން އިސްރާފު ކުރަމުން ދަނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ ސޮއިކޮށްފައި ހުރި ޕްރޮޖެކްޓުތަކުން ލިބެމުން އަންނަ ފައިސާ އިން ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެތެރޭގަ ހުރި ހުރިހާ ޑޮލަރެއް ސަރުކާރުގެ އިސްރާފުތަކަށާ ސަރުކާރުން ހިންގުމަށް ބޭނުން ކުރުމުން ޕްރައިވެޓް ސެކްޓާއަށް ވެސް އަމިއްލަ ފަރާތްތަކަށް ވެސް އަދި ވިޔަފާރި ކުރުމަށް ވެސް މިހާރު ޑޮލަރު ނުހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ

"ވަރަށް ސިމްޕަލް ވާހަކަ އެއް އަޅުގަނޑުމެން މި ދައްކަނީ އެތެރޭގަ ހުރި ހުރިހާ ޑޮލަރެއް ސަރުކާރަށް ނަގައިގެން ސަރުކާރުގެ އިސްރާފުތަކަށާ އަދި ސަރުކާރުގެ ދަރަނި އަދާކުރުމަށް ބޭޏުން ކުރި ބަޖެޓު 2026 ގަ ވެސް 2025 ގަ ވެސް އަދި 2024 ގަ ވެސް ހިމެނިފަ އެއްވެސް ޑޮލަރެއް ނެތް. އެންމެ ޑޮލަރެއް ވެސް ސަރުކާރަކަށް ނުގެނެވޭ މިހާތަނަށް ދެ އަހަރާ ބައިގެ ތެރޭގަ ލިބުނު ޑޮލަރެއް ވިއްޔާ ލިބިފަ އޮތީ ކުރީގެ 5 އަހަރުގެ ތެރޭގަ އަޅުގަނޑުމެން ސޮއިކޮށްފަ ހުރި އެކި އެކި އެގްރީމެންޓް ތަކުގެ ތެރެއިން އަންނަ ފައިސާ. އެހެން ވެގެން ޑޮލަރުގެ ބްލެކް މާކެޓަށް މިހާ ބޮޑު ޕްރެޝާރެއް މި އޮތީ."

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

އަމީރު އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގައި ޑޮލަރުގެ އަގު ގާތް ގަނޑަކަށް 21 ރުފިޔާ އަށް އަރާފައިވާ ކަމަށާއި، ޑޮލަރުގެ އަގު އަރައިގެންދާއިރު، ރާއްޖޭގައި އިގްތިސާދީ ގިނަ ހަރަކާތް ތަކެއް ވަނީ ހުއްޓިފައި ކަމަށެވެ. އެގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓުތައް ކުރިއަށް ނުދާ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުގެ ވިޔަފާރި ހުއްޓިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ ގިނަ ކުންފުނި ތަކެއް ވެސް ހުއްޓިފައިވާކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.