މާލޭގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރަމުންދިޔަ ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފިހާރައެއްގެ ބޭރުގައި ގަވާއިދާ ހިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުންދިޔަ ބަޔަކު ޖޫރިމަނާކުރި ކަމުގެ ލިޔުން ހިއްސާކޮށްފައެވެ.

އެ ލިޔުމުގައިވާގޮތުން ސިޓީކައުންސިލުން ޖޫރިމަނާކުރީ ކުރިކީލަ މަގުގައި ހުންނަ މއ. ބަރުރާ މާޓު ކިޔާ ފިހާރައެއްގެ ބޭރުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމުންނެވެ.

މާލެ ސިޓީކައުންސިލުން ބުނީ އެގޮތަށް މުދާ ނުވިއްކުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށާއި ނަމަވެސް އެކަމަށް އެ ފިހާރައިން އިޖާބަދީފައި ނުވާ ކަމަށެވެ.

ނަމަވެސް ބަރުރާ މާޓު ފިހާރަ ޖޫރިމަނާކުރި އަދަދެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

މާލޭގެ މަގުތަކާއި ޕޭވްމަންޓްތަކާއި ބަނދަރުތަކާއި އާންމު ތަންތަނުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ސިޓީ ކައުންސިލުން ދަނީ އެފަދަ ތަންތާގައި ވިޔަފާރިކުރާ ފަރާތްތަކަށް އެހެން އެކަންތައް ނުކުރުމަށް އެންގުންތައް އަންގަމުންނެވެ.