ދޮންބޭސް ޕްރައިވެޓް ލިމިޓެޑުން، ގިނަ މަޝްރޫތަކަށް އެޑްވާސް ޕޭމަންޓް ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުންތައް ބާތިލްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގަައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ކުރީ ސަރުކާރުން މަނަދޫގައި ހައުސިންގ ޕްރޮޖެކެޓެއް ކުރިއަށް ގެންދިޔުމަށްޓަކައި ދޮންބޭސް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަން ފާހަގަކުރައްވާފައެވެ. މިއީ އެޑްވާންސް ފައިސާ ދެވިފައިވާ ޕްރޮޖެކްޓެއްތޯއާ މި ޕްރޮޖެކްޓްތައް ކުރިއަށް ނުދާތީ އެފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާ ބަދަލު ހޯދުމަށް އެއްވެސް ކަހަލަ މަސައްކަތެއް ކުރައްވަމުންދޭތޯ މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ ސީދާ މަނަދޫއަށް އެޑްވާންސް ނެގިކަން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ދޮންބޭސް ކުންފުންޏަށް ހދ. ކުޅުދުއްފުށީގެ ގެދޮރުވެރިކަމާއި ބެހޭ މަޝްރޫއަށް އެޑްވާންސް ފައިސާއާއި މޮބިއުލައިޒް ކުރުމުން ފައިސާ ދީފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހދ. ހަނިމާދޫގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް އެޑްވާންސް ފައިސާ އާއި ބައިވަރު ޕްރޮޖެކްޓްތަކަށް ފައިސާ ދީފައި އެބަހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޅ. ހިންނަވަރާއި ގއ. ވިލިނގިލީގެ މަޝްރޫއު ހިމެނޭ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދޮން ބޭސްއިން އެޑްވާންސް ޕޭމަންޓް ނަގައިގެންކުރި ކަމެއް ބަލަން ޖެހޭ ކަމަށާއި އެ ކުންފުނިން ރާއްޖޭގެ އެތައް ރަށެއްގައި ހައުސިންވ އެޅުމަށްޓަކައި ޕްރޮޖެކްޓްތައް ހޯދާފައިވާ ކަމަށެވެ.
މާކެޓް އަގަށްވުރެ ކުޑަކޮށް ޕްރޮޖެކްޓްތައް ނަގާ އެޑްވާންސް ޕޭމަންޓް ނަގާފައިވާ ކަމަށާއި، ނަމަވެސް އެއްވެސް ރަށެއްގައި ހައުސިންގ މަޝްރޫއެއް ކުރިއަށް ނުގެންދާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންވީމަ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ އެއްބަސްވުންތައް ބާތިލް ކޮށްގެން އެހެން އުސޫލެއްގެ ތެރެއިން އެ މަޝްރޫތައް ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ހައުސިންގ ޔުނިޓް އެޅުމަށްޓަކައި އެންމެ ގިނަ ޕްރޮޖެކްޓް ޕްލޭނިން އިން ހަވާލު ކުރީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދުގެ ކުންފުނި، ދޮންބޭސް ޕްރައިވެޓް ލިމިޓެޑަށެވެ. އޭނާގެ ކުންފުންޏަށް ހަ ޕްރޮޖެކްޓެއް ހަވާލުކޮށްފައިވެއެވެ.