ލ.ހިތަދޫ ކޯޒްވޭގައި ހިމެނޭ މަގު 2028 ގެ މެދަކާ ހަމައަށް ދާއިރު، އާއްމުންނަށް ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިމޭނެ ކަމަށް އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. މުއްޠަލިބު މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާގަަައި، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ލ.ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާ، ނިމޭނެ ދުވަހެއް ސާފުކުރުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ، އެ މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އެގޮތުން، 22 ޖެނުއަރީ 2023ގައި އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް ބަޔަކާއި ހަވާލުކުރި ނަމަވެސް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި ސަރުކާރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި 2 ސެޕްޓެމްބަރ 2023ގައި އެ މަސައްކަތް މޮބިލައިޒްކުރި ކަމަށް ރިޕޯޓްތަކުން ދެއްކިނަމަވެސް، އޭރު ފެށި ސަރވޭއާއި، ބޯހޯލްއާއި ގުޅުންހުރި މަސައްކަތްތައްވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށާއި ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި، ޑިޒައިންނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ފުރިހަމަކުރީ، މި ވެރިކަމުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، 20 އޮކްޓޯބަރ 2025ގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި، 714 މީޓަރުގެ ދިގު މަގެއް ހިމެނޭ އެ މަޝްރޫޢުގައި ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލްބްލޮކްތައް ބަލްކްކޮށް ކާސްޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ވަޒީރު ވަނީ، މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވި ބައެއް ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް، އެއްފަހަރާ އެތައް މަޝްރޫޢެއްގައި ސޮއިކޮށްފައިވުމުގެ ސަބަބުން، މާލީގޮތުން ކަންކަން ޕްލޭންކޮށް ހުރިހާ މަޝްރޫޢެއް ނިމޭނެ ގޮތަކަށް ރަނގަޅު ތާވަލެއްގެ ދަށުން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން އެދޭހާ ބާރުމިނުގައި މަސައްކަތް ނުދޭ. ކުރީ ސަރުކާރުން ސޮއިކޮށްފަ ހުރި 40ވަރަކަށް ބިލިއަން ރުފިޔާގެ މަޝްރޫޢު ހުރި."

ވަޒީރު ޑރ. މުއްޠަލިބު

ލ.ހިތަދޫ ކޯޒްވޭ މަސައްކަތަކީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ފެށި މަޝްރޫޢެކެވެ.

މިއީ 81 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.