ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށްޓަކައި މިއަދު ހެނދުނު ގަތަރަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި ޝާހީ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ވިދާޅުވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒު ވަނީ މީގެ ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް، ޝައިޚް ޙަމަދުގެ ދުރު ވިސްނޭ ލީޑަޝިޕްގެ ދަށުން ގަތަރަށް ހޯއްދަވައިދެއްވި ކުރިއެރުންތައް ފާހަގަކުރައްވައި ތައުޒިޔާ ފޮނުއްވާފައެވެ.

އުމުރުފުޅުން 74 އަހަރުގައި ޝައިޚް ޙަމަދު އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

1995 ވަނަ އަހަރުން 2013 އަށް ޤަޠަރުގެ ވެރިކަން ކުރެއްވި ޝައިޚް ޙަމަދަކީ، ހަކަތައިގެ ގޮތުން މުއްސަނދި އެ ގައުމަށް އައި އާދަޔާހިލާފު ކުރިއެރުމުގެ ބާނީއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ޤަޠަރަށް ވަނީ އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރު އުފުލިގެން ގޮސްފައެވެ.

ޚާރިޖީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިންވެސް ޝައިޚް ޙަމަދު ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައެވެ. އެގޮތުން 2006 ގެ އޭޝިއަން ގޭމްސްއާއި 2022 ގެ ފީފާ ވޯލްޑް ކަޕް ޤަޠަރުގައި ބޭއްވުމުގެ ފުރުޞަތު ހޯއްދަވައިދެއްވީ އެމަނިކުފާނެވެ. އަދި ސަރަޙައްދީ ސުލްޙައަށްޓަކައި "ދޯހާ އެއްބަސްވުން" ފަދަ މުހިންމު ސިޔާސީ މަޝްވަރާތައް ބޭއްވުމުގައިވެސް އެމަނިކުފާނު އިސްދައުރެއް އަދާކުރެއްވިއެވެ.