ސަރުކާރުން ދެވަނަ އެއާޕޯޓެއް ތަރައްޤީކުރާއިރު ބަލަންޖެހޭނީ އެތަނެއްގެ ވަށައިގެން އޮންނަ އާބާދީއަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާދިފަހުން ސަރުކާރުން އިސްދޫ ދާއިރާގައި ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރަން ނިންމީ އެއްވެސް ފައިނޭންޝަލް ފީސިބިލިޓީ ކަރުދާހެއް ރިސާޗެއް ކޮށްގެންތޯއާއި 40 މިނިޓުން ދެވޭ ހިސާބު އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުގެ އެއްވެސް ޕޮލިސީއެއް އޮވޭތޯ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދެވަނަ އެއާޕޯޓެއް ތަރައްގީކުރާކަން ހާމަކުރުމުން އެކަމަށް ބޭނުންވި ދެ ރަށަކީ ލ. އިސްދޫއާއި އެއަތޮޅު މާވަށް ކަމަށެވެ.
ސަރުކާރުން ދެވަނަ އެއާޕޯޓެއް ތަަރައްޤީކުރާއިރު ބަލަންޖެހެނީ އެތަނެއްގައި ޓޫރިޒަމް ކުރިއެރުވުމަށް ހުރި ފުރުސަތުތަކަަށާއި ހުރިހާ ކަމަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެއާޕޯޓު އަޅަން ނިންމީ އާބާދީ ތަަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ބޮޑު ރަށެއް އަދި އިގްތިޞާދީ ކަންތައްތަކެއް ކުރުމުގެ ފުރުސަތު އޮތް ތަނެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ ޓޫރިޒަމްގެ ގޮތުން ބަލާކަމުގައި ވަނީނަމަވެސް އެއާޕޯޓެއް ތަރައްގީކޮށް ޓުއަރިޒަމް ކުރިއަށްގެންދަން އެއީ ވަރަށް ރީތި ސަރަހައްދެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިގޮތުން ލާމު އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅަން ނިންމިއިރު އިސްދޫގައި އެ އެއާޕޯޓު ތަަރައްގީކުރަން ސަރުކާރުން ނިންމީ އެގޮތުން ބެލުމަށްފަހު ކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.