މި އަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.8 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ދޫކޮށްފައިވަނީ، 1.07 ބިލިޔަން ރުފިޔާއެވެ.

މިއަހަރަކީ، ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ.

އެގޮތުން މި އަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.47 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ކައުންސިލުތަކަށް ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކައުންސިލުތަކަށް ފައިސާ ދޫކުރާއިރު އެންމެ ބޮޑު އަދަދެއް ކަނޑައަޅަނީ ސިޓީ ކައުންސިލުތަކަށެވެ.

މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ވަނީ، މާލޭ ސިޓީ ކައުންސިލަށެވެ.

ކައުންސިލުތަކަށް ފައިސާ ދޫކުރަނީ، 'ބްލޮކް ގްރާންޓް'ގެ ގޮތުގައެވެ.

އަތޮޅު ކައުންސިލުތައް އުވާލާފައިވާއިރު، ކުރިއަށް އޮތްތަނުގައި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ކައުންސިލުތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.