" ބިންގާ " ޕްރޮގްރާމްގެ ދަށުން މި އަހަރުގެ މިހާތަނަށް 39،000ށް ވުރެ ގިނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ ކަމަށް ތައުލީމާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ އިނާމު 2025 ގެ ފަސް ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ 218 ސްކޫލުގައި މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށްދާކަމަށެވެ.
މިއާއެކު ވަޒީރު ވަނީ 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީއަށް ކިޔަވަނީ 34 އިންސައްތަ ދަރިވަރުންކަން ފާހަގަކުރައްވައި މިހާރު އެ އަދަދު 48 އިންސައްތަ އަށް އިތުރު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ވޮކޭޝަނަލް ހައިސްކޫލުގެ ތެރެއިން ފަހި ކޮށްދެވޭ ފުރުސަތު ތަކާއި އެކުގައި 2028 ނިންމެންވާ އިރަށް އެންމެ މަދުވެގެން 65 އިންސައްތަ މަތީ ސާނަވީ މަރުހަލާގައި ދަރިވަރުން ބައިވެރިވާ އަދަދު އިތުރު ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަފާސްހިސާބުތައް ވިދާޅުވަމުން ، ހިލޭ ޑިގްރީ އާއި، ސްކޮލަރޝިޕް އަދި ލޯނު ޕްރޮގްރާމުތަކުގެ ދަށުން 28،000 ދަރިވަރުން މަތީ ތަޢުލީމު ގައި ބައިވެރި ވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރެއިން 51 އިންސައްތައަކީ ވިޔަފާރީގެ ދާއިރާ، ހިންގުމުގެ ދާއިރާ އަދި ގާނޫނީ ދާއިރާ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރަނީ އެންމެ 11 އިންސައްތަ ދަރިވަރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު އަދުގެ ސަރުކާރުން ފަހިކޮށްދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ލޯނެއް، ސްކޯލާޝިޕް، ނުވަތަ ނަގާ ޑިގްރީ ޕްރޮގްރާމް އަކުން ވިޔަސް ފުރުސަތު އޮތީ ވަރަށް ފުޅާކޮށް ހުޅުވާލެވިފައި ކަމަށް ވިދާޅުވިއެވެ. ވަޒީރު ވަނީ އެ ފުރުސަތުގެ ބޭނުން ހިފުމުގެ ކުރިން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް ހުރިގޮތް ބެލުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އަދި ރައްޔިތުންގެ ފައިސާގައި ކިޔެވުމަށްފަހު ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ވިސްނުން ގެންގުޅެންވާނެ ކަމަށްވެސް ވަޒީރު އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.