ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމިފައިވަނިކޮށް، ހުޅުމާލޭގެ ވޯޓުލާ މަރުކަޒެއްގައި ހިނގި މާރާމާރީއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 2026 ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލްގައެވެ. ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާ ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލައި ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ވީޑިއޯއިން ފެންނަ އިރު، އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދޭތަން ފެނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.