ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމިފައިވަނިކޮށް، ހުޅުމާލޭގެ ވޯޓުލާ މަރުކަޒެއްގައި ހިނގި ބޮޑު މާރާމާރީގައި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލްގައެވެ. ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާ ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލައި ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ވީޑިއޯއިން ފެންނަ އިރު، އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދޭތަން ފެނެ އެވެ.

މި މާރާމާރީ ރޭ ހިނގާފައިވާއިރު، އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، އިންތިހާބުގެ ކަންކަން މުޅި ރާއްޖޭގައިވެސް ކުރިއަށްދަނީ ވަރަށް އޮމާންކޮށް އަދި ސުލުހަވެރިކަމާއެކު ކަމަށް ވިދާޅުވެފަ އެވެ.

ފުލުހުން މިރޭ ބުނީ މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. ނަމަވެސް މިމައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.