ބަންގްލަދޭޝަށް ކުރިމަތިވެފައިވާ މޫސުމީ ވިއްސާރައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މި ހިތާމަވެރި ޙާދިޘާގައި މަރުވި ޢާއިލާތަކާއި، ދިރިއުޅުމަށް ބުރޫއަރާފައިވާ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ދަތި އުނދަގޫ ދަނޑިވަޅުގައި ރާއްޖެއިން އަބަދުވެސް ބަންގްލަދޭޝްއާއެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ. އަދި ހާލުގައި ޖެހުނު ކޮންމެ ރައްޔިތުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ރައީސް ވަނީ ދުއާ ދަންނަވާފައެވެ.
ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ 50 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ވިއްސާރައިގައި ޗައްޓޮގްރާމް، ކޮކްސް ބާޒާރު، ބަންދޮރްބަން، ރަންގަމަޓީ، ހާގްރާޗޯރީ، މޮއުލޯބީބާޒާރު އަދި ހޯބީގޮންޖ ޑިސްޓްރިކްޓަށް ބޮޑެތި ގެއްލުންތައް ލިބި، މިލިޔަނަކަށްވުރެ ގިނަ މީހުން ވަނީ ޙާލުގައި ޖެހި، ގެދޮރުގައި ތާށިވެފައެވެ.