މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ އިނާމާބެހޭ ކޮމިޓީން މިއަދު އެ ފުރުސަތު ހުޅުވާލައި، ޚާއްޞަ އިނާމު ދިނުމާ ގުޅޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ ކަމަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ.

އޭގެތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ،މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ 8 ގެ ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިނާމު މި އަހަރު ދެއްވާ ދެވަނަ ގިންތިއަކީ، ރާއްޖެ ތަމްސީލުކުރުމަށްޓަކައި ބައިވެރިވާ ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

ޚާއްޞަ އިނާމު މި އަހަރު ދެއްވާ ހަތަރުވަނަ ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ.

މި ގިންތިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް، ހުށަހަޅާއިރު ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ހުށަހެޅުމަށާއި، އިނާމަށް ހުށަހަޅާ ލިޔުންތަކަކީ، އަސްލާ އެއްގޮތް ލިޔުންތަކެއްކަން ކަށަވަރު ކުރުމަށް އިނާމު ދިނުމާގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް ސަމާލުކަން ދިނުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އެދެއެވެ.

ޚާއްޞަ އިނާމު ދޭނީ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.