ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ފާހަގަކުރެވޭ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެފައި ވަނީ، މީސްމީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މީސްމިޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވާހަރަވުމާއި ގުޅިގެން، އެކަމުގައި ހިތާމައިގެ ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. ޤަތަރުގެ ކުރީގެ އަމީރަކީ ދުރުވިސްނޭ ޚިކުމަތްތެރި ލީޑަރެއް ކަމަށާއި ޤަތަރުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށް ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އެ މެސެޖުގައި ޤަތަރުގެ މިހާރުގެ އަމީރު ޝެއިޙް ތަމީމް ބިން ޙަމަދު އަލް-ޘާނީގެ ބައްޕާފުޅު އަވާހަރަވުމާއި ގުޅިގެން ޤަތަރު ޝާޚީ ޢާއިލާއަށާއި، ސަރުކާރާއި ރައްޔިތުންނަށް ރައީސް މުޢިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ރައީސް މުޢިއްޒުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވެސް ވަނީ ޤަޠަރުގެ ކުރީގެ އަމީރު ޝެއިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމުން ތައުޒިޔާ ދަންނަވާފައެވެ.
ޤަޠަރުގެ ކުރީގެ އަމީރު ޝެއިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ރައީސް ޞާލިހް ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އަދި ގަތަރުގެ ކުރީގެ އަމީރަކީ ރާއްޖެއާއި ޤަޠަރާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޤަތަރުގެ އަމީރަށާއި، އަލްޘާނީ ޢާއިލާއަށާއި، ޤަތަރުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވީ، އުމުރުފުޅުން 74 އަހަރުގައެވެ. މި ހިތާމަވެރި ޚަބަރު އެ ޤައުމުގެ އަމީރުގެ ރަސްމީ އޮފީހުން ކަށަވަރު ކޮށްދީފައިވަނީ، ޖުލައި 12 ވަނަ ދުވަހުއެވެ. އެ މަނިކުފާނު ޤަޠަރުގެ ވެރިކަން ކުރައްވާފައިވަނީ، 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.