އަމިއްލައަށް އެދިގެން ވަކިވާން ހުޅުވާލި ފުރުސަތުގައި ފެނަކައިން ވަކިވުމަށް ހުށަހަޅާފައިވާ 108 ފަރާތެއް ދޫކޮށްލުމުގެ މަރުހަލާ ފުރިހަމަކުރަން ފަށައިފި އެވެ.
މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހުސެއިން އަފީފު ވިދާޅުވީ، އަމިއްލައަށް އެދިގެން ފެނަކައިން ވަކިވާ މުވަޒަފުންނަށް އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ފުރުސަތު ސަރުކާރުގެ ތެރެއިން ފަހިކޮށްދޭނެ ކަމަށެވެ. އަދި އަމިއްލައަށް އެދިގެން ވަކިވާން ހުޅުވާލި ފުރުސަތުގައި ވަޒީފާއިން ވަކިވުމަށް 108 ފަރާތެއް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
އަފީފު ވިދާޅުވީ، މުވައްޒަފުން ވަކިވުމަށް ހުޅުވާލި ފުރުސަތަކީ އެއްވެސް މަސައްކަތެއް ނެތް މުވައްޒަފުންނަށް "ޝަރަފުވެރި" ކަމާއެކު ވަޒީފާއިން ވަކިވުމަށް ދިން ފުރުސަތެއް ކަމަށެވެ.
މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ފެނަކައިން މި ފުރުސަތު ހުޅުވާލިއިރު، ފުރަތަމަ 97 މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދުނު ކަމަށް ފެނަކައިން ބުނެފައިވެ އެވެ. އަދި އޭގެ ފަހުންވެސް އިތުރު ހުށަހެޅުންތައް ލިބި މިހާރު 108 މުވައްޒަފަކު ދޫކޮށްލުމުގެ މަރުހަލާ ކުރިއަށްދާކަމަށް ފެނަކައިން ބުނެ އެވެ.
ފެނަކަ އިން ބުނީ މިގޮތަށް ދޫކޮށްލާ މުވައްޒަފުންނަށް ފެނަކައިން ރިޑަންޑެންސީ އުސޫލުގެ ތެރެއިން 4 މަސް ދުވަހުގެ މުސާރަ ދޭނެ ކަމަށެވެ. އަދި ސަރުކާރު ތެރެއިން އެ ފަރާތްތަކަށް އަމިއްލަ މަސައްކަތެއް ކުރުމަށް އެހީތެރިކަން ހޯދުމަށް މަގުފަހިކޮށްދޭނެ ކަމަށްވެސް އަފީފު ވިދާޅުވި އެވެ.
މީގެ އިތުރުން އަފީފު ވަނީ، މިހާރުވެސް ކުންފުނީގައި ތިބި 8000 މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުންޏަށް ލިބޭ އާމްދަނީން، ދެކޮޅު ނުޖެހޭކަން ފާހަގަކުރައްވާ، މުސާރަ ދިނުމަށް ސަރުކާރުން ކޮންމެ މަހަކު 40 މިލިޔަނާއި 50 މިލިޔަން ރުފިޔާ ހޭދަވާ ކަމަށް ވިދާޅުވެފަ އެވެ.
ހަމަމިއާ އެކު ފެނަކައިން އަމިއްލަ އިސްނެގުމަށް ވަކިވާ މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދޭއިރު މިފައިސާ ހަމަޖައްސާނީ ބަޖެޓް ކުރެވި ފާސް ކުރެވިފައިވާ ހަރަދުތަކުގެ ތެރެއިން ކަމަށްވެސް އަފީފު ވިދާޅުވި އެވެ.
އަފީފު އިތުރަށް ވިދާޅުވީ، ފެނަކައިން މުވައްޒަފުން މަދުކުރަމުން ދަނީ، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށެވެ.
އެކުންފުނީން ވަނީ ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް، އެ ރަށްރަށުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެބަ ތިބިކަން ފާހަގަކޮށްފަ އެވެ.