ކުތުބުހާނާތަކަކީ ދިރިއުޅުމަށް ބޭނުންވާ ސައްހަ މައުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއް ކަމަށް ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ހީނާ ވިދާޅުވީ، ކުތުބުހާނާތަކަކީ އިލްމާއި ހިލްމު ލިބިފައިވާ މުޖުތަމައެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއް ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ކިޔުންތެރިކަމުގެ ތެރެއިން މި މާތް މަގުސަދު ހާސިލުކޮށްދިނުމުގެ އިތުރުން، ކުތުބުހާނާތަކަކީ ދިރިއުޅުމަށް ބޭނުންވާ ސައްހަ މައުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއްކަމަށެވެ.
ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަސް ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަނީ، އެ ކުތުބުޚާނާގެ "މިނީ މައުރަޒު" އާއި "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. މި މައުރަޒު އިފްތިތާހް ކޮށްދެއްވީ، ވަޒީރު ހީނާ ވަލީދެވެ.
މި މައުރަޒުގައި ކުތުބުހާނާގެ ތާރީހީ ފޮޓޯތަކާއި، މުހިންމު މަޢުލޫމާތުތަކުގެ އިތުރުން، އެ ތަނުގެ މަސައްކަތްތަކުގައި އެކި ދުވަސްވަރު ބޭނުންކޮށްފައިވާ އާސާރީ ތަކެތި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ތައާރަފުކުރި ޑިޖިޓަލް ރިޕޯޓް ކަލެކްޝަނަކީ ރާއްޖޭގެ އިންސިޓިއުޝަންތައް، އޯގަނައިޒޭޝަންތައް އަދި ޖަމުއިއްޔާ ޖަމާއަތްތަކުން ނެރޭ މުހިންމު ރިޕޯޓްތައް އެއްތަނަކުން ފަސޭހައިން ބަލާލެވޭނެ ނިޒާމެކެވެ.
ދިވެހި ރާއްޖޭގައި ރަސްމީ ހައިސިއްޔަތެއް ލިބިދޭ ގޮތުގައި ކުތުބުހާނާއެއް ހުޅުވުނީ 1945ވަނަ އަހަރުއެވެ. ކުތުބުހާނާ ވުޖޫދަށްގެންނެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނެވެ.