ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަން ކުރާ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެލްޖީއޭ އިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ މެންބަރުންގެ ތެރެއިން 3 މެންބަރުން ބޯޑަށް އައްޔަން ކުރާނެ ކަމަށެވެ. އެގޮތުން އެ އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިޚާބު ބާއްވާނީ އަންނަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ.
އެ އިންތިޚާބުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން ޑަބްލިޔުޑީސީ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 16ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މުއްދަތުގައި އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމު އެލްޖީއޭގެ އިންތިޚާބުތަކަށް ޚާއްސަ އީމެއިލް[email protected]އަށް ފޮނުވުމަށް އެ އޮތޯރިޓީންވަނީ އެދިފައެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަތިކަމެއް ދިމާވާނަމަ، އޮތޯރިޓީއަށް ހާޒިރުވެގެންވެސް ފޯމު ހުށަހެޅޭނެއެވެ. އެލްޖީއޭއިން ބުނީ އެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމަށް ޖަވާބު ދިނުން ހަމަޖެހިފައި ވަނީ އީ-މެއިލް މެދުވެރިކޮށް ކަމަށެވެ. ހަމައެހެންމެ އެއްވެސް ސަބަބަކާ ގުޅިގެން ފޯމު ބަލައިނުގަނެވޭނަމަ، ބަލައިނުގަނެވުނު ސަބަބު އީ-މެއިލް މެދުވެރިކޮށް، ފޯމު ލިބުނުތާ 24 ގަޑިއިރުގެ ތެރޭގައި، އަންގާނެ ކަމަށްވެސް އެލްޖީއޭ އިން ހާމަކުރެއެވެ. އަދި ފޯމު އިސްލާހުކޮށްފައި އަލުން ހުށަހެޅުމަށްވެސް ފުރުޞަތު ދެވޭނެ ކަމަށް އެލްޖީއޭ އިން ހާމަކުރެއެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިޔުޑީސީ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށްދާނީ އޯގަސްޓް 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އޯގަސްޓް 11 ވާ އަންގާރަ ދުވަހު އެވެ.