ކައިރި ކައިރީ އިންތިހާބުތައް ބޭއްވުމަށް ވުރެން، އިންތިހާބުތައް އެއްކޮށްލުން ދައުލަތުން އެކަމަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެ އެވެ.

ޝަކީލް މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ.

ޝަކީލު ވިދާޅުވީ ގާނޫނު ހަދާ ފަރާތްތަކުން ގާނޫނުތަކަށް އިސްލާހު ގެނެސް އިންތިހާބުތައް އެއްކޮށް ބާއްވަން ނިންމައިފި ނަމަ އެކަންކަން އިލެކްޝަނުން ކުރާނެ ކަމަށެވެ.

" ހަރަދު ތަކަށް ވިސްނާލާ އިރުގަ އަދި މި މަސަކަތަށް ބަލާއިރުގަ ހަގީގަތުގަ ކައިރި ކައިރީގަ ގިނަ އިންތިހާބުތަކެއް ބޭއްވުމަށް ވުރެން އިންތިހާބުތައް އެއްކޮށް ބާއްވައިފި ނަމަ ރައްޔިތުންގެ ފައިސާ އިން ދައުލަތުން އިންތިހާބުތަކަށް ކުރަން ޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާ އެއް ރައްޔިތުންގެ އެހެން ބޭނުންތަކަށް ހޭދަ ކުރުމަށް މަގުފަހިވެގެންދާނެ. އެހެންމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ ގާނޫނު ހަދާ ފަރާތް ތަކުން މި ކަންކަމާ ދޭތެރޭ ވިސްނާ ވަޑައިގަންނަވާ "

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލު

އެގޮތުން ޝަކީލު ވިދާޅުވީ، އިންތިހާބުތަށް އެއްކޮށްލުމާ މެދު މަޖިލިސް މެންބަރުން ވިސްނާވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކައިރިކަރީގައި ގިނަ އިންތިހާބުތަކެއް ބޭއްވުމަކީ ދައުލަތަށް، ވަރަށް ހަރަދު ބޮޑު ކަމެއް ކަން ފާހަގަ ކުރައްވައި ޝަކީލު ވިދާޅުވީ، އެހެން ނަމަވެސް ގާނޫނުތަކާއި ގާނޫނުއަސާސީގައި ވަކި ގޮތަކަށް ވަކި ކަންތައްތަކެއް އެހެން ބަޔާންކޮށްފައި އޮންނަ ކަމަށް ވާނަމަ އެ ކޮމިޝަނަށް އެ ގާނޫނުތަކާއި ގާނޫނުއަސާސީ ތަންފީޒުކުރުމަށް މަޖުބޫރުވާނެ ކަމަށެވެ.

ސަރުކާރުން އެދުނު ގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅިގެން މިދިޔަ އެޕްރީލް މަހު ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި 68 ޕަސަންޓު ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދީފައެވެ.