އާމްދަނީއާއި ހަރަދު ބެލުމަށް ހާއްސަ ސާވޭއެއް މާލެ ސަރަހައްދުގައި ފަށައިފިއެވެ.
ގޭބިސީތަކުން ކުރާ ހަރަދުތަކާއި ލިބޭ އާމްދަނީއާއި ގުޅޭގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ "ހަޔަސް ސާވޭ" މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 21ގެ ނިޔަލަށެވެ. މިސާވޭ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި މިއަހަރު ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ސާވޭ ކުރިއަށްގެންދާއިރު ޓީމުތަކުން ގޭބިސީތަކަށް ޒިޔާރަތް ކުރަމުންދާނެ ކަމަށާއި، މައުލޫމާތު ހޯދުމަށްދާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޓީމުތަކުން ބިއުރޯގެ އައިޑީ ބޭނުންކުރާނެކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އެހެންކަމުން މިކަމުގައި އާންމުންގެ ފުރިހަމަ އެއްބާރުލުމަށް އެއިދާރާއިން ވަނީ އެދިފައެވެ.
މިސާވޭގައި ގޭބިސީގެ އެވެރެޖް ހަރަދާއި އެކި ކަންކަމަށް ހަރަދުކުރާ މިންވަރު ދެނެގަތުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ރާއްޖޭގެ ފަގީރުކަމުގެ މިންގަނޑު މިސާވޭގެ އަލީގައި އެކުލަވާލުމަށް ހަމަޖައްސާފައިވާއިރު، ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ ބުރަދަން އިސްލާހުކުރުމަށްވެސް މިސަރވޭއިން ލިބޭ މައުލޫމާތުގެ ބޭނުންކުރުމަށްވަނީހަމަޖައްސާފައެވެ.
މީގެ އިތުރުން، ގޭބިސީގެ އެވްރެޖް އާމްދަނީއާއި ހަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުމަށް ވެސް މިއާއެކުވަނީ ހަމަޖައްސާފަ އެވެ. މިސާވޭގައި ތައުލީމު ހާސިލުކޮށްފައިވާ މިންވަރާއި، ހިޖުރަކޮށްފައިވާނަމަ އެކަމާއި، މަސައްކަތުގެ މައުލޫމާތާއި، އާމްދަނީއާއި، އާމްދަނީ ނުލިބި އަމިއްލަ ގޭބިސީއާއި އާއިލާއަށް ކޮށްދޭ ހިދުމަތްތަކާއި، ހޭދަކުރާ ވަގުތުބެލުމަށް ވަނީ ހަމަޖައްސާފަ އެވެ.
ހަމައެއާއެކު ގޭބިސީގައި ބޭނުންކުރާ ހަރުމުދަލާއި، ދިރިއުޅޭ ގޭބިސީއާއި އެތަނުގެ އާންމު މައުލޫމާތާއި، ފޯނު ބިލާއި، ކަރަންޓު އަދި ފެން ބިލުތަކުގެ މައުލޫމާތާއި، ދަތުރުފަތުރާއި، ސިއްހީ ހިދުމަތްތަކާއި، ތައުލީމު ހޯދުމަށާއި، އަންނައުނާއި، ކާބޯތަކެއްޗަށް ކުރާ ހަރަދުތަކާއި އެ ގޭބިސީއެއް ގައި ދިރިއުޅޭ މީހުން އެކި ކަންކަމުގައި ނަގާފައިވާ ލޯނުތަކާއި ކްރެޑިޓަށް ނަގާފައިވާ ތަކެތީގެ މައުލޫމާތު އެއްކުރުމަށް ހަމަޖައްސާފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެ އެވެ.
ކޮންމެ 5 އަހަރުން ނުވަތަ 6 އަހަރަކުން ކުރިއަށްގެންދާ މިސާވޭ އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ 2019 ވަނަ އަހަރުއެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ގޭބިސީތަކުގެ ހަރަދާއި އާމްދަނީއަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސްޓެޓިސްޓިކްސް ބިއުރޯއިން ދަނީ ކުރަމުންނެވެ. މިއަހަރުގެ މިހާތަނަށް ކ. އަތޮޅާއި، މ އަތޮޅާއި، އައްޑޫ ސިޓީއާއި، ލ.އަތޮޅު އަދި ނ.އަތޮގައި މިސާވޭ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިސާވޭގައި މާލެއާއި ސިޓީތަކުން 2085 ގޭބިސީން މައުލޫމާތު އެއްކުރުމަށް ހަމަޖައްސާފައިވާއިރު، އަތޮޅުތަކުގައި ޖުމުލަ 2010 ގޭބިސީން މައުލޫމާތު އެއްކުރުމަށްވަނީ ހަމަޖައްސާފަ އެވެ. މިއާއެކު ޖުމުލަ 4095 ގޭބިސީއެއްގެ މައުލޫމާތު މިސާވޭގެ ތެރެއިން އެއްކުރާނެއެވެ.