ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމިފައިވަނިކޮށް، ހުޅުމާލޭގެ ވޯޓުލާ މަރުކަޒެއްގައި ބޮޑު މާރާމާރީއެއް ހިންގައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލްގައެވެ. ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާ ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލައި ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ވީޑިއޯއިން ފެންނަ އިރު، އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދޭތަން ފެނެ އެވެ.
މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި ދެ ފުލުހަކު ހަމަނުޖެހުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މަސްލަހަތު ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވަންދެން ހަމަނުޖެހުން ކުރިއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން ރޭ ބުނީ، ސިޔާސީ ޕާޓީ އެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، ރޭ 21:15 އެހައިކަންހާއިރު އެތަނަށް ބަޔަކު ވަދެފައިވާ ކަމަށެވެ. ފުލުހުން ބުނީ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މާރާމާރީ ރޭ ހިނގާފައިވާއިރު، އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، އިންތިހާބުގެ ކަންކަން މުޅި ރާއްޖޭގައިވެސް ކުރިއަށްދަނީ ވަރަށް އޮމާންކޮށް އަދި ސުލުހަވެރިކަމާއެކު ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.