އެކްސިޑެންޓުވީއިރު ކާރުން ޑްރަގު ފެނުމުން މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އެކްސިޑެންޓުވި ކާރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނު މައްސަލައަކާ ގުޅިގެން 27 އަހަރުގެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި، ލަގްޒަރީ، ގައިސް އަބްދުﷲ އަނީސް އެވެ.

އޭނާ ދުއްވި ކާރު އެކްސިޑެންޓުވި ވަގުތު ކާރުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހައްޔަރުކުރި ގައިސްގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން، އޭގެ ވަގުތީ ނަތީޖާއިން އޭނާ ވަނީ ސީއޭޓީ އަދި އޭއެމްޕީއަށް ފައްސިވެފަ އެވެ. ހަމަމިއާއކު، އޭނާ އަކީ މި ބާވަތުގެ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް ކޯޓު އަމުރުން އެނގެން އޮވެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ އިރު، މި މައްސަލައިގައި ގައިސް ވަނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތަކަށް އެދިފައެވެ.

ކޯޓުން ވަނީ އޭނާއަށް ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދީފައެވެ. އަދި ވަކީލަކު އައްޔަނުކުރުމުން، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.