ރާއްޖޭގައި ދިރިއުޅޭ ކޮންމެ 3 މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށް، ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގައި އިއްޔެ ފާހަގަކުރި އާބާދީގެ ދުވަހާ ގުޅުވައިގެން ނެރުނު ރިޕޯޓުގައި ބުނީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހި ފިރިހެނުންނަށް ވުރެ ބިދޭސީ ފިރިހެނުން ގިނަ ކަމަށާއި، ރާއްޖޭގައި ދިރިއުޅޭ 47 އިންސައްތަ ފިރިހެނުންނަކީ ބިދޭސީން ކަމަށް ވެސް، ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ އިދާރާއިން ވަނީ މާލޭގައި ދިރިއުޅޭ އާބާދީގައި މަސައްކަތު އުމުރުފުރާގެ މީހުން ގިނަ ކަމަށާއި އަދި އެ އުމުރުގެ ބިދޭސީން ވެސް ގިނަ ކަން ފާހަގަކޮށްފަ އެވެ.

އާބާދީގެ ހުލާސާއަށް ބަލާލާއިރު، ރާއްޖޭގައި ދިރިއުޅެނީ 590،079 މީހުންނެވެ. އޭގެތެރެއިން ދިވެހިންގެ އާބާދީއަކީ 394،054 މީހުން ކަމަށްވީ އިރު، ބިދޭސީންގެ އަދަދަކީ 196،024 މީހުން އެވެ.

މީގެ އިތުރުން، ރަށްރަށުގައި ދިރިއުޅޭ އާބާދީގައި 20-29 އަހަރާ ދެމެދުގެ އުމުރު މީހުން މަދު ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 20-44 އަހަރާ ދެމެދުގެ މީހުން ގިނަ ކަމަށާއި އޭގެ ތެރޭގައި ވެސް ބިދޭސީން ގިނަ ކަމަށް ބުނެފައިވެ އެވެ.

އާބާދީގެ 43 އިންސައްތަ ދިރިއުޅެނީ މާލޭގައި އަދި ބާކީ ދިރިއުޅެނީ އެކި ރަށްރަށުގަ އެވެ. މާލޭގެ އާބާދީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށާއި ރަށްރަށުގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ބިދޭސީއަކަށް ވާއިރު، ނޮން-އެޑްމިނިސްޓްރޭޓިވް ރަށްރަށުގެ އާބާދީގެ 80 އިންސައްތަ އަކީ ބިދޭސީން ކަމަށް ވެސް ބުނެ އެވެ.

ރިޕޯޓުގައި ބުނީ ރާއްޖޭގެ އާބާދީގައި ގިނައީ 36-64 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެއީ އާބާދީގެ 37 އިންސައްތަ މީހުންނެވެ. 29 އިންސައްތައާއެކު ދެން ގިނައީ 0-17 އަހަރާ ދެމެދުގެ ކުދިންނެވެ. ޒުވާނުން ކަމަށް ބަލާ 18-35 އަހަރުގެ ތިބީ 27 އިންސައްތަ އެވެ.