ޗައިނާ، ޖަޕާން އަދި ޓައިވާން ސަރަހައްދުގައި ދަތުރު ކުރަމުންދާ ތޫފާން 'ބާވީ' ޗައިނާގެ އިރުމަތީ އައްސޭރިފަށަށް އެރުމާ ގުޅިގެން 2 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ.
ތޫފާން'ބާވީ' ޗައިނާގެ ޖެޖިއަންގް ޕްރޮވިންސަށް އެރުމަށްފަހު، މިހާރު ވަނީ 'ސިވިއާ ޓްރޮޕިކަލް ސްޓޯމް' އެއްގެ ދަރަޖައަށް ބަލިކަށިވެފައެވެ. ނަމަވެސް، މިއަދުވެސް ޗައިނާގެ އިރުމަތީ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޝަންހާއީ އާއި ޖެޖިއަންގް އަދި ފުޖިއަން ޕްރޮވިންސް ހިމެނެއެވެ.
އެގޮތުން، ޝަންހާއީން 290،000 މީހުން، ޖެޖިއަންގް އިން 2.2 މިލިއަން މީހުން، އަދި ފުޖިއަން އިން 180،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
އަދި އެ ތޫފާނާ ގުޅިގެން ޝަންހާއީގެ ދެ އެއާޕޯޓަކުން 653 ފްލައިޓު ވަނީ ކެންސަލްކޮށްފައެވެ.
މީގެ އިތުރުން ޖެޖިއަންގްގެ ޔޫކިން ސިޓީގައި 1،300 އަށްވުރެ ގިނަ ގަސް ވެއްޓިފައިވާކަމަށް ޗައިނާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ފިލިޕީންސްގައި ތޫފާން ބާވީއާ ގުޅިގެން ކުރި ވިއްސާރައިގައި 17 މީހަކު މަރުވެފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ހަމައެހެންމެ ތޫފާން 'ބާވީ' ޗައިނާއަށް އެރުމުގެ ކުރިން ޓައިވާނު ކައިރިން ދަތުރުކުރިއިރު، ޖެހުނު ވަރުގަދަ ވައިގެ ސަބަބުން 134 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ޓައިވާނުގެ ފަޔާ ޑިޕާޓްމަންޓުން މައުލޫމާތު ދީފައިވެއެވެ.
'ތޫފާން ބާވީ' މިހާރު ދަތުރުކުރަމުންދަނީ ޗައިނާގެ އުތުރު-ހުޅަނގާ ދިމާލަށެވެ.