އީރާނުން ހުރުމުޒް ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފިއެވެ.
ހުރުމުޒު ކަނޑުއޮޅި ވަކި ގޮތެއް އަންގަންދެން ބަންދުކޮށްފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ނޭވީން މިއަދު ހެނދުނު ވަނީ އިއުލާނުކޮށްފައެވެ.
އަނަދޮލޫ އެޖެންސީން ރިޕޯޓުކުރާ ގޮތުގައި، މި ފިޔަވަޅު އަޅާފައި ވަނީ އެ ކަނޑުއޮޅި ހުރަސްކުރަން އުޅުނު ބައެއް އުޅަނދުތަކުން، ހުއްދަ ނެތް ރޫޓުތައް ބޭނުންކުރަން މަސައްކަތް ކުރުމުންނެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ (އައިއާރްއެންއޭ) އިން ބުނީ، ތަކުރާރުކޮށް އިންޒާރު ދިނުމުން ވެސް އެ ކަމަށް ބީރު ކަންފަތެއް ދިން އުޅަނދެއްގެ ސިސްޓަމްތައް ނިއްވާލުމުން، ކަނޑުގެ ސަލާމަތަށް ެެނުރައްކާވެފައިވާ ކަމަށެވެ.
އަދި އެ އުޅަނދު ހުއްޓުވީ އިންޒާރުގެ ގޮތުން ބަޑި ޖެހުމަށް ފަހު ކަމަށް ވެސް އެ ނޫސް އެޖެންސީން ހާމަކުރެއެވެ.
ރިވޮލިއުޝަނަރީ ގާޑް ނޭވީން ބުނެފައި ވަނީ، މި ސަރަހައްދުގައި އެމެރިކާގެ އުޅަނދުތައް ވަދެފިނަމަ، ހުރުމުޒު ކަނޑުއޮޅި އެއްވެސް އުޅަނދަކަށް ނުވަދެވޭނެހެން ބަންދުކުރާނެ ކަމަށެވެ. އަދި އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި، އެ ސަރަހައްދުގައި ހުރި "ދުޝްމަނުންގެ" މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، އެމެރިކާގެ ސެންޓްކޮމްއިން ވަނީ އީރާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއްގެ ތިންވަނަ ބުރު ފަށާފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު ހަމަނުޖެހުން ބޮޑުވެފައި މި ވަނީ، ޖޫން މަހު ޕާކިސްތާނުގެ މެދުވެރިކަމާއެކު އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ސުލްހައިގެ އެއްބަސްވުމަށް ފަހުގައެވެ.
އެމެރިކާ އިން ބުނީ، މިދިޔަ ޖޫން 16 ގައި ސޮއިކުރި ސުލްހައިގެ އެއްބަސްވުމާ އީރާނުން ޚިލާފުވެފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ ޙަމަލާތަކާއެކު އީރާނުގެ ދެކުނުގެ ބަނދަރުމަތީ ސަރަހައްދުތަކަށް ދަނީ ބޮންއަޅަމުންނެވެ.
އެގޮތުން ބަނޑަރު އައްބާސް އަދި ސީރިކްއިން ކޮންމެ ރަށަކުން ގޮވުންތަކުގެ އަޑު އިވިފައިވާއިރު، ޗާބަހާރާއި ބޫޝެހްރު ޕްރޮވިންސް އަދި ބަނޑަރު-އެ ދޭރާއި ސަލޫޔޭ ސިޓީން ގޮވުންތަކުގެ އަޑު ވަނީ އިވިފައެވެ.
ފެބްރުއަރީ މަހުން ފެށިގެން ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމާއި، އީރާނަށް އަޅާފައިވާ ކަނޑުމަގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ދެފަރާތުން އެކުލަވާލި އެއްބަސްވުމުގައި ހިމެނިފައިވެއެވެ.
ނަމަވެސް، އެ އެއްބަސްވުމާ ހިލާފަށް މި ހަފުތާގައި ދެ ފަރާތުން ވެސް ވަނީ ދެބައި މީހުންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދީފައެވެ. އީރާނުން ތުހުމަތު ކުރާ ގޮތުގައި މި ހުރިހާ ހަމަނުޖެހުމެއްގެ އަސްލަކީ އެމެރިކާއާއި އިޒްރޭލުގެ ހައްދުފަހަނައެޅި އަމަލުތަކެވެ.