ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި 3-1 އިން ސްވިޒަލެންޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

ކަންޒަސް ސިޓީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާއިން ލީޑު ނެގި އެވެ. އެގޮތުން ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ލިއޮނަލް މެސީ ކޯނަރަކުން ނަގައިދިން ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން މި ލަނޑު ޖެހީ އަލެކްސިސް މެކް އެލިސްޓާ އެވެ. މިއީ މެސީގެ 10 ވަނަ ވޯލްޑް ކަޕް އެސިސްޓެވެ.
މި ލަނޑަށް ފަހު، ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު، ސްވިޒަލެންޑަށް ވެސް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ.
ދެވަނަ ހާފު ފަށައިގެން ސްވިޒަލެންޑުން ދިޔައީ ކުރިއަށް ގިނަ ބޯޅަތަކެއް ކުޅެ، އާޖެންޓީނާގެ ޑިފެންސްލައިނަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ޑާން އެންޑޯއީ ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ.
މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ސްވިޒަލެންޑްގެ ފޯވާޑް ބްރީލް އެމްބޯލޯއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެ ރަތް ކާޑު ދައްކާފަ އެވެ. ސްވިޒަލެންޑުން ރަނގަޅަށް ކުޅެމުންދިޔަ ވަގުތެއްގައި އެމްބޯލޯއަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ޑައިވްކުރުމާ ގުޅިގެން، ވީއޭއާރު ވެސް ބެލުމަށްފަހުގަ އެވެ.
ސްވިޒަލެންޑްގެ ކުޅުންތެރިޔަކު މަދުވުމާއެކު، ދެވަނަ ހާފުގެ ފަހުކޮޅު އާޖެންޓީނާއިން ކުރިއަށް ޖެހިގެން ކުޅެ ގާތްގާތުގައި އެޓޭކްތައް އުފެއްދި ނަމަވެސް، އެ ހާފުގައި އިތުރު ލަނޑެއް ނުޖެހުނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
ބަދަލު ތަކާއެކު އެޓޭކް ވަރުގަދަކޮށް އާޖެންޓީނާއިން ދެވަނަ ފަހަރަށް ލީޑު ނެގީ، އިތުރު ވަގުތުގެ ދެވަނަ ހާފުގައި ހޫލިއަން އަލްވަރޭޒް ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. އެ ހާފުގެ ހަތްވަނަ މިނެޓުގައި އަލްވަރޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެފަހުން މެޗުގެ ފަހު ވަގުތު އާޖެންޓީނާގެ ކައުންޓާ އެޓޭކެއްގައި ތިންވަނަ ލަނޑު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހައިދިން ހޫލިއަން އަލްވަރޭޒް އެވެ.
މި މޮޅާއެކު، ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ އިންގްލެންޑާ އެވެ. އިންގްލެންޑުން ސެމީގެ ޖާގަ ހޯދީ 2-1 އިން ނޯވޭ ބަލިކޮށްގެންނެވެ.