ޖޫޑް ބެލިންހަމްގެ ދެ ލަނޑުން ފަހަތުން އަރައި 2-1 އިން ނޯވޭ ބަލިކޮށް، އިންގްލެންޑުން ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މަޔާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ވަނީ ރަނގަޅު އެޓޭކްތަކެއް އުފައްދައި، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނޯވޭއަށް ލީޑު ނަގައިދިނީ އަންޑްރޭސް ޝެލްޑްރަޕް އެވެ. އެގޮތުން 36 ވަނަ މިނެޓުގައި އޭނާ ދުރު ކަނަށް ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ނަމަވެސް ބެލިންހަމް ޖަހައިދިން ލަނޑުން އިންގްލެންޑުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެންތަނީ ގޯޑަން ދިން ބޯޅައަކުން ބެލިންހަމް މި ލަނޑު ޖެހީ 45 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ނޯވޭގެ ޓޯބްޖޯން ލައިސަކާ ހެގެމް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ، އާލިން ހާލަންޑް އިންގްލެންޑްގެ އެލިއޮޓް އެންޑަސަންއަށް ފައުލްކޮށްފައިވާތީ އެ ލަނޑު ބަލައިނުގަތުމަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
އިންގްލެންޑް މޮޅުވި ލަނޑު ފެނިގެންދިޔައީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގަ އެވެ. މިއީ މޯގަން ރޮޖާސް ފޮނުވާލި ބާރު ބޯޅައެއް ނޯވޭގެ ގޯލްކީޕަރު އޮރްޖާން ނައިލަންޑް އަތުގައި ޖެހިފައި ނުކުތް ވަގުތު، އެއްފަހަރުން އެ ބޯޅަ ގޯލަށް ވައްދާލައިގެން ބެލިންހަމް ކާމިޔާބުކުރި ލަނޑެކެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި ހަވަނަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ.
އޭގެ ފަހުން، އިންގްލެންޑްގެ ޖެޑް ސްޕެންސްއަށް ނޯވޭގެ އޭރިއާ ތެރެއިން އެ ޓީމުގެ އޮސްކާ ބޮބް ކުރި ފައުލަކަށް ޕެނަލްޓީއެއް ދިން ނަމަވެސް، ފަހުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ފައުލެއް ނޫންކަމަށް ނިންމާފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ، ދެ ލަނޑު ޖަހައި އިންގްލެންޑް ސެމީއަށް ގެންގޮސްދިން ރެއާލް މެޑްރިޑްގެ ތަރި، ޖޫޑް ބެލިމްހަމް އެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑް ނުކުންނާނީ އާޖެންޓީނާ އާއި ސްވިޒަލެންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.