އުމްރާގެ އަޅުކަން އަދާކުރުމަށް ފުރަތަމަ ފަހަރަށް އައްޑޫން ސައުދި އަރަބިއްޔާގެ ޖިއްދާއަށް ބާއްވާ މަތިންދާ ބޯޓު މިރޭ ފަތިހު ފުރުމަށް ތައްޔާރުވެއްޖެއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް ކުރާ އުމްރާ ދަތުރުތައް މާދަމާ ފަށާނެ ކަމަަށެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ ދަ ޓްރެވެލާގެ އެދުމުގެ މަތިން މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ 330 ބޯޓުން ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ބޯޓުން އެއްފަހަރާ 264 މީހުން އުފުލޭނެ އެވެ. އަދި އާންމު އުސޫލުން ދޫކުރާ 46 ކިލޯ ވެސް ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
މިހާތަނަށް އުމްރާގެ އަޅުކަމަށް ރާއްޖެ އިން މީހުން ފުރަނީ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވާއިރު ސީދާ އައްޑޫ ގަމުން ސައޫދީ އަށް ދަތުރެއް ކުރުމަކީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ލިޔާ ސޮފުހާއެކެވެ.