ސަރުކާރުގެ ފްލެޓާއި، ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމުގެ ތުހުމަތުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރު މުޙައްމަދު ޔަސީން މަޤާމުން ވަކިކޮށްފިއެވެ.

މިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވަނީ، ދައުލަޔުގެ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، މައްސަލަ ސަމާލުކަމަށް އައުމާއެކު އޭނާ ފުރަތަމަ ސަސްޕެންޑު ކުރި ކަމަށާއި، ވުޒާރާގެ އެތެރޭގެ ތަޙުޤީޤުން އެ ތުހުމަތުތަކުގައި ޙަޤީޤަތްތަކެއް ހުރިކަން ހާމަވުމުން މަޤާމުން ވަކިކުރީ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، ސަރުކާރުން ގެދޮރުވެރިކަމާއި ފްލެޓުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ގެންގުޅުއްވާކަން ފާހަގަކުރައްވައި، ކޮންމެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވީ ނަމަވެސް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތު ކުރެވިއްޖެނަމަ އެކަން ބަލައި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމުން އެކަން ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.