ދެމެހެއްޓެނިވި ތަރައްޤީ ބަރޯސާވަނީ ހަމައެކަނި އާބާދީގެ ކުޑަބޮޑުމިނުގެ މައްޗަށް ނޫންކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަކީ، ޤައުމެއްގެ ޒުވާނުންގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުންކުރުމަށް ޒުވާނުން ބާރުވެރިކޮށްދެވޭ މިންވަރުގެ މައްޗަށްވެސް ބަރޯސާވާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ މި ދަނޑިވަޅުގައި، ޤައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދިނުމަށްވެސް ތައްޔާރުވާންޖެހޭ ކަމަށެވެ. އެގޮތުން، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކޮށް، ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަމާ ކުރިމަތިލާންޖެހޭ ޢުމުރު ފަސްކުރުމަށް މަސައްކަތްކުރުމުން، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ވަނީ ކެއަރ އިކޮނޮމީގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިފަދަ ވުނަކުރުމުން، ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ކަށަވަރުކޮށްދީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ އެއްބާރުލުން ފޯރުކޮށްދީ، ޢާއިލާތަކަށް، ވަކީން ޚާއްޞަކޮށް އަންހެނުންނާއި އަންހެންކުދީންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އޮންނަ އިންތިޒާމު ލުއިކޮށްދެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދައިން މީހުންނަށް އަޅައިލުމުގެ ޚިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުޞަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެ މިއަދު މިވަނީ، އާބާދީގެ ނިސްބަތްތައް ބަދަލުވަމުންދާ މުހިންމު އިންތިޤާލީ މަރުޙަލާއެއްގައިކަން ފާހަގަކުރައްވައި ރައީސް ވަނީ، މޯލްޑިވްސް 2.0 މަސައްކަތުގެ ތެރެއިން ޢާންމު ޚިދުމަތްތައް ޒަމާނީކޮށް، ސުމޭކު ބިނާރު ތަރައްޤީކޮށް، ހަރުދަނާ ސުމޭކު އިޤުތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 އިންސައްތައަކީ ޒުވާނުންކަމުގައި ވާހިނދު، ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދީ، މާނަހުރި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ، މި ސަރުކާރުން އަހުމިއްޔަތުދޭ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންސާނީ ތަރައްޤީގެ މި ލަނޑުދަނޑިތަކާ އެކުއެކީ، އާބާދީގެ އަދާހަމަ ތަފާސްހިސާބު އެއްކޮށް، ތަރައްޤީގެ ސިޔާސަތުތައް ބިނާކުރެވެނީ މުޖުތަމަޢަށް ބޭނުންތެރި ކަންކަމުގެ މައްޗަށްކަން ކަށަވަރު ކުރެވެމުންދާންޖެހޭނޭ ކަމަށެވެ. އެގޮތުން، އާބާދީއާ ގުޅުންހުރި ޞައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތު ރަށުފެންވަރުގައި އަދާހަމަކުރެވޭނޭފަދަ ގޮތަކަށް އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާކޮށްގެން ނިންމުންތައް ނިންމުން އިތުރުކޮށް، ހިންގުމުގެ ޚަރަދު ކުޑަކޮށް، ދައުލަތުގެ ކުރުންތެރިކަން މިހާރަށްވުރެ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، އެއްވެސް މީހެއް ބާކީނުވާނޭކަން ކަށަވަރު ކުރުމަށް ގެނެވޭ ޤާނޫނީ އިޞްލާޙުތަކުން ބާރު ލިބިގެން، އަދި ޝާމިލު މަގުޗާޓެއްގެ އެހީގައި، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަވަން ގަސްދުކުރައްވަނީ، އިދާރީ ދަފުތަރުތަކާއި، ބޯހިމެނުމުގައި މިހާތަނަށް ގެންގުޅެމުންދިޔަ އުސްލޫބުތައް އެކުލަވާލައިގެން ޤާއިމުކުރެވޭ ހައިބްރިޑް އުސޫލަކުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.