ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވިއަނުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ، ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ 3 ދުވަސް ތެރޭގައި 'ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު' ފޯޓަލް މެދުވެރިކޮށް ދަތުރުގެ ތަފުސީލު ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައިލޭންޑަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް އެރައިވަލް ކާޑެއް ފުރަންޖެހޭގޮތަށް ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ދަތުރުވެރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރުމުން ލިބޭ ކޮންފޮމޭޝަންގެ ޑިޖިޓަލް ކޮޕީއެއް ތައިލެންޑަށް އެތެވާއިރު އިިމިގްރޭޝަން ކައުންޓަރަށް ހުށަހެޅުމަށްވެސް އެ އެއާލައިނުން ވަނީ އެދިފައެވެ.

ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ހާއްސަ ފެއަރއެއްގެ ދަށުން ޓިކެޓުތައް ގަތުމަށް މިފަހަރުވެސް ހުޅުވާލި އިރު، މި ފެއަރގެ ދަށުން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12އިން އޮގަސްޓް މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށެވެ.