ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ޕީއެންސީން ބުނެފައިވާ ގޮތުގައި ހެނދުނު 9:00 ގައި ފެށި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ހަމަމިއާއެކު، މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށާއި، އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކަމަށްވެސް ޕީއެންސީން ބުނެފައިވެ އެވެ.

މާލޭގައި ވޯޓުލާ ސަރަހައްދުތަކަށް ބަލާލާއިރު، މާލޭގެ އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫގެ މީހުންނެވެ. އަދި އިސްކަންދަރު ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ސިޓީތައް ފިޔަވާ އެހެން ރަށްރަށުގެ މީހުން ވޯޓުލާއިރު، ހުޅުމާލެ 2، ކާމިލް ދީދީ ޕްރީސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ ހުޅުމާލެ އުތުރު ދާއިރާގެ މީހުންނެވެ.

މީގެއިތުރުން ހުޅުމާލެ 1، ރެހެންދި ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ ހުޅުމާލެ ދެކުނު ދާއިރާގެ މީހުން ކަމަށާއި، ވިލިމާލެ، މުހިއްޔުއްދީން ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ ވިލިމާލެ ދާއިރާގެ މީހުން ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއް ކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށް ކަމަށްވީ އިރު، މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ތިބި އެ ޕާޓީގެ މެމްބަރުންނަށް އެކަންޏެވެ.

އީސީގެ ދަފްތަރުގައިވާ ގޮތުގައި މިވަގުތު އެ ޕާޓީގައި 74،048 މެމްބަރު އެބަތިއްބެވެ.

ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.

ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.