ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިން އާއި ފްރާންސް ވާދަކުރަން ޖެހިއްޖެ އެވެ.
މި ދެ ޓީމު ސެމީގައި ބައްދަލުކުރަން ޖެހުނީ، މިރޭ ކުޅުނު ކުއާޓާ ފައިނަލްގައި ސްޕެއިނުން 2-1 އިން ބެލްޖިއަމްގެ މައްޗަށް ކުރިހޯދުމުންނެވެ. ފްރާންސުން ސެމީގެ ޖާގަ ހޯދީ ރޭ 2-0 އިން މޮރޮކޯ ބަލިކޮށްގެންނެވެ.
ސޯފީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް ސްޕެއިނުންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ފަބިއަން ރުއިޒް އެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޗާލް ޑަ ކެޓްލާގެ ލަނޑުން ބެލްޖިއަމްއިން ވަނީ އެއްވަރުކޮށްފަ އެވެ. ތިމޮތީ ކަސްޓަންޔާ ނަގައިދިން ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން ޑަ ކެޓްލާ މި ލަނޑު ކާމިޔާބުކުރީ 41 ވަނަ މިނެޓުގަ އެވެ.
ދެ ޓީމު އެއްވަރުވެގެން 90 މިނެޓު ހަމަވާން ދަނިކޮށް ލަނޑު ޖަހައި ސްޕެއިނަށް ސެމީގެ ޖާގަ ޔަގީންކޮށްދިނީ، ގަދަ 16 ގައި ޕޯޗުގަލް އަތުން ވެސް ސްޕެއިން މޮޅުކޮށްދިން މިކޭލް މެރީނޯ އެވެ. ކުޅެން އެރިތާ ދެ މިނެޓު ތެރޭގައި މެރީނޯ މި ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނެޓުގަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ ހުނަރުވެރި ތަރި ލަމީން ޔަމާލް އެވެ.
ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އާއި، ވޯލްޑް ކަޕްގެ އެންމެ ފަހުގެ ރަނަރަޕް ފްރާންސް ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
މުބާރާތުގެ ދެވަނަ ސެމީގެ ޖާގަ ހޯދުމަށް މާދަމާރޭ ދަންވަރު ނޯވޭ އާއި އިންގްލެންޑް ވާދަކުރާއިރު، އާދީއްތަ ދުވަހުގެ ހެނދުނު ސްވިޒަލެންޑް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.