މިއަހަރުވެސް ގައުމީ ފެންވަރުގައި ހއ. އުތީމުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ގައުމީ ދުވަހުގެ ހަރަކާތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އުތީމު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރު އެންމެ ބޮޑު އިސްކަމެއްދެނީ މިދިޔަ އަހަރު ފަށާފައިވާ ތަރިކައިގެ މަޝްރޫޢުތައް ނިންމުމަށް ކަމަށާއި، މީގެ ތެރޭގައި ބޮޑުތަކުރުފާނުގެ ދޮރޯށީގެ މަސައްކަތާއި، ކަނދުވަލު މިސްކިތް މަރާމާތު ކުރުމުގެ އިތުރުން "ވާހަކަވައު" ސަރަޙައްދު ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ރަޝީދު އިތުރަށް ވިދާޅުވީ، ގައުމީ ދުވަހުގެ ކަންކަން ވިލަރެސް ކުރުމަށް މިހާރު ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށާއި، މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރާނީ މިދިޔަ އަހަރަށްވުރެ ކުލަގަދަކޮށް، ގިނަ ހަރަކާތްތަކާއެކުގައި ކަމަށެވެ.
އުތީމުގައި މި މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަކީ އެރަށުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި އުތީމުގައި ގައުމީ ދުވަސް ފާހަގަކުރީ، 1 ރަބީއުލްއައްވަލް 1371ގައެވެ. އެއީ މީލާދީން 1951ވަނަ އަހަރު، ބޮޑުވަޒީރު އަލް އަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައެވެ.
މިއަހަރުގެ ޤައުމީ ދުވަސް ދިމާވަނީ، އަންނަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހަށެވެ.