ހުޅުމާލެ އާއި މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ، މި މަސައްކަތް ކުރިއަށް ގެންދަނީ ސިޓީ ކައުންސިލްގެ އާންމު ޙިދުމަތް ތަކާ ބެހޭ ބައިގެ ޑިޒާސްޓަރ ޔުނިޓުން ކަމަށެވެ.

އެގޮތުން ސާފު ކުރަމުން ދާ ތިން ތަނަކީ ހުޅުމާލެ ފޭސް 1 ގެ 110 ވަނަ ފްލެޓުގެ ގްރައުންޑް ފްލޯ އާއި، މާލޭގެ މާފަންނު އަވަށުގައި ހުރި ދެ ބުރީގެ އިމާރާތެއް ކަމަށްވާ މ. ޝަފާގެ އިތުރުން، ގ.ފުންފަޅު ގޭގެ ހަަތަރު ވަނަ ފަންގިފިލާ އެވެ. މި ތިން ތަނަކީވެސް އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ތިން ތަނެވެ.

ހުޅުމާލެ 110 ވަނަ ފްލެޓުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މި ހާދިސާގައި އެ ފްލެޓުގެ ގްރައުންޑް ފްލޯއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މާފަންނު ޝަފާ ގޭގައި އަލިފާން ރޯވެފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. އަދި ގ.ފުންފަޅު ގޭގައި ރޯވި އަލިފާން ރޯވީ މިދިޔަ ހޯމަ ދުވަހު އެވެ.

މި ތިން ތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަލިފާނުގެ ހާދިސާގެ ސަބަބުން އުފެދިފައިވާ ކުނިތަކާއި އަދި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

މިއީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.