އިޒްރޭލުގެ ސިފައިން، އަލް-އަޤްޞާ މިސްކިތުގެ އިމާމް ޝައިޚް މުޙައްމަދު ޙުސައިން ހައްޔަރުކޮށްފިއެވެ.
އަރަބި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޝައިޚް މުޙައްމަދު ޙުސައިން ހައްޔަރުކޮށްފައިވަނީ ހުކުރު ނަމާދު އިމާމުވެ ކޮށްދެއްވުމަށްފަހު ޤުދުސުން ފައިބައިވަޑައިގެންނެވި ވަގުތުގައެވެ.
މި ކަމާ ގުޅޭގޮތުން އިޒްރޭލުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އިމާމު މުހައްމަދު ހުސައިން ގެންދެވުނީ ކޮންތަނަކަށް ކަމެއްވެސް އެނގިފައެއް ނުވެއެވެ.
ފަލަސްތީނުގެ ޚަބަރު ފަތުރާ އޭޖެންސީ "ވަފާ" އިން ވަނީ އިމާމު މުހައްމަދު ހުސައިން ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާއެކު ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް ޤުދުސުގައި މި ދުވަސްވަރު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، މިފަދަ ދީނީ ލީޑަރަކު ހައްޔަރުކުރުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
އިމާމު ހައްޔަރުކުރުމުގެ ކުރިން، ގާޒާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި 10 އަހަރާއި 6 އަހަރުގެ ދެ ކުދިން ހިމެނޭހެން މަދުވެގެން 7 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
މީގެ އިތުރުން، ގާޒާ ސިޓީގެ ސްކޫލެއް ކައިރިއަށް ދިން ވައިގެ ހަމަލާއެއްގައި އެކަކު ޝަހީދުވެ، 12 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި ޚާން ޔޫނިސްގެ މަވާސީ ސަރަހައްދުގައި ހުންނަ ހިޖުރަކުރި މީހުންގެ ޓެންޓުތަކަށް ދިން ހަމަލާއެއްގައި 10 އަހަރުގެ ކުއްޖަކު ހިމެނޭހެން 4 މީހުން ވަނީ ޝަހީދުވެފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މި ހަމަލާތަކާ ގުޅޭގޮތުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ފަލަސްތީނާއި އިޒްރޭލާ ދެމެދު ހަމަލާތަށް ހުއްޓާލުމަށް ހަމާސްއާއެކު އެކުލަވާލި ސީޒްފަޔަރ އެއްބަސްވުމަށްފަހުވެސް، އިޒްރޭލުން ދަނީ ޣައްޒާއަށް ތަކުރާރުކޮށް ހަމަލާތައް ދެމުންނެވެ.