ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، ހަކުރުބަލީގެ ސްކްރީނިން ހަރަކާތެއް އައިޖީއެމްއެޗުން ކުރިއަށްގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހަވީރު ސޯޝަލް ސެންޓަރުގައެވެ. އައިޖީއެމްއެޗުން ބުނީ، ހަވީރު 4އިން 6އަށް ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ، ހަރުކުބަލި ސްކްރީނިންގެ މި ހަރަކާތަކީ، ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ހަކުރު ބައްޔާއިގުޅޭ މަޢުލޫމާތު ދިނުމަށް އައިޖީއެމްއެޗްގެ ނޭޝަނަލް ޑައިބެޓިކް ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ މި ހަރަކާތުގެ ތެރެއިން އިސްކޮޅު، ބަރުދަން އަދި ބީއެމްއައި ބެލުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. އަދި ލޭގެ ޕްރެޝަރާއި، ހަކުރު ޗެކްކުރުމުގެ އިތުރުން، ކާނާއާއި ބެހޭ މަޢުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ހަކުރު ބައްޔާއި ގުޅޭގޮތުން ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯދުމުގެ ފުރުސަތުވެސް މި ހަރަކާތުގެ ތެރެއިން ފަހިކޮށްދީފައިވާއިރު، ކުޑަކުދިންނަށް ހާއްސަކޮށްގެންވެސް ތަފާތު ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.