ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސް އަތުން 2-0 އިން ބަލިވެ މޮރޮކޯ މުބާރާތުން ކަޓައިފި އެވެ.

މިފަހަރުވެސް މޮރޮކޯ ކެޓީ ފްރާންސް އަތުން، ކޯޗު އެދެނީ މާޔޫސް ނުވުމަށް!
މިފަހަރުވެސް މޮރޮކޯ ކެޓީ ފްރާންސް އަތުން، ކޯޗު އެދެނީ މާޔޫސް ނުވުމަށް!

މޮރޮކޯ މިދިޔަ ވޯލްޑް ކަޕުން ކެޓީ ވެސް ފްރާންސް އަތުން ބަލިވެގެންނެވެ. އެފަހަރުގެ ސެމީ ފައިނަލްގައި މި ދެ ޓީމު ވާދަކުރި މެޗުން ވެސް ފްރާންސް މޮޅުވީ 2-0 އިންނެވެ.

ބޮސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ވަރުގަދަކޮށް ފަށައި، ފްރާންސުން ވަނީ ފުރަތަމަ ހާފުގައި ރަނގަޅު އެޓޭކްތަކެއް ކޮށް، މޮރޮކޯގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށް ޕެނަލްޓީއެއް ދިން ނަމަވެސް، 29 ވަނަ މިނެޓުގައި އެމްބާޕޭ ފޮނުވާލި ޕެނަލްޓީ މޮރޮކޯގެ ގޯލްކީޕަރު ޔަޝީން ބޫނޯ ވަނީ މަތަކޮށްފަ އެވެ.

ފްރާންސުން ގާތްގާތުގައި ދެ ލަނޑު ޖެހީ ދެވަނަ ހާފުގެ ތެރޭގަ އެވެ. އެގޮތުން 60 ވަނަ މިނެޓުގައި އެމްބާޕޭ ފްރާންސަށް ލީޑު ނަގައިދިން އިރު، އޭގެ ހަ މިނެޓު ފަހުން ދެވަނަ ލަނޑު ޖެހީ އޮސްމާން ޑެމްބެލޭ އެވެ.

މި މެޗުގައި އެމްބާޕޭ ޖެހި ލަނޑާއެކު އޭނާ ވަނީ މިފަހަރުގެ މުބާރާތުގައި އަށް ލަނޑު ކާމިޔާބުކޮށް، ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް އާޖެންޓީނާގެ ލިއޮނަލް މެސީއާ އަރާހަމަކޮށްފަ އެވެ. އަދި މިއީ އެމްބާޕޭ ވޯލްޑް ކަޕް ތަކުގައި މިހާތަނަށް ކުޅުނު 20 މެޗުން ޖެހި 20 ވަނަ ލަނޑުކަން ވެސް ފާހަގަކޮށްލެވެ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން މޮރޮކޯގެ ކޯޗު މުހައްމަދު ވަބީ ބުނީ، މިއީ މާޔޫސްވާންޖެވޭ ނަތީޖާއެއް ނޫން ކަމަށެވެ. އަދި މޮރޮކޯގެ ޒުވާން ސްކޮޑާއެކު ކަންކަން ރަނގަޅުކޮށް، ދެން އަންނަ ވޯލްޑް ކަޕެއްގައި ފްރާންސް ބަލިކުރެވޭ ފެންވަރަށް ޓީމު ވަރުގަދަ ކުރެވިދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މޮރޮކޯ ކެޓުމާއެކު، މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި އެފްރިކާގެ ހުރިހާ ގައުމެއް ވެސް މިވަނީ މުބާރާތާ ވަކިވެފަ އެވެ.

މޮރޮކޯ ބަލިކޮށް ފްރާންސުން މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައިވާއިރު، ސެމީގައި ފްރާންސް ނުކުންނާނީ ބެލްޖިއަމް އާއި ސްޕެއިން މިރޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.