ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ޖުމްލަ އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ބުނީ، ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ، ހާއްސަކޮށް ކޯޕަރޭޓް އިންކަމް ޓެކްސް އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިތުރުވުމާ ގުޅިގެން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭގެ މާލީ ހާލަތު އޮތީ ހަރުދަނާކަންމަތީގައި ކަމަށެވެ.
އެގޮތުން، 2 ޖުލައި 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 22.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ އާމްދަނީ ވަނީ 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފައެވެ. ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 2.0 ބިލިއަން ރުފިޔާ ނުވަތަ 13.0 އިންސައްތައިގެ ކުރިއެރުމެކެވެ.
ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމާއި، މި މުއްދަތުގެ ތެރޭގައި އާމްދަނީން ނެގޭ ޓެކްސް ދެއްކުމުގެ ސުންގަޑި މި މުއްދަތުގެ ތެރޭގައި އައިސްފައިވުމުގެ ސަބަބުން، އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ކޯޕަރޭޓް އިންކަމް ޓެކްސްއިންނެވެ. މިގޮތުން، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 97.7 މިލިއަން ރުފިޔާ ނުވަތަ 6.2 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެއިތުރުން، ޖީއެސްޓީ އަކީވެސް ދައުލަތުގެ އާމްދަނީގައި މުހިންމު ދައުރެއް އަދާކުރި ދާއިރާއެކެވެ. އެގޮތުން ޖުމްލަ ޖީއެސްޓީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 835.4 މިލިއަން ރުފިޔާ ނުވަތަ 9.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާ ހިމެނެއެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މިއަހަރުގެ މި މުއްދަތުގައި ޖުމްލަ 23.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.7 އިންސައްތައިގެ އިތުރުވުމެކެވެ.
ނިމިދިޔަ ހަފުތާގައި ހަރަދު އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވުން ކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލިފައިވީނަމަވެސް، ސަރުކާރުން ފޯރުކޮށްދެމުންދާ އަސާސީ ތަކެއްޗާއި ހިދުމަތްތަކުގެ އަގު ހިފެހެއްޓުމުގެ ގޮތުން ފޯރުކޮށްދެމުންދާ ސަބްސިޑީގެ ހަރަދުތައްވެސް މިއަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާއިން އުފުލިފައިވާކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. މިއީ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި ސިވިލް ސާވިސްގެ މުސާރައިގެ އިލްތިޒާމުތައް ހަމަހަމަކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.